ރާއްޖޭގެ އިގުތިސާދީ ހާލަތު ތަންނުދޭތީ، އެމްޑީޕީގެ ވެރިކަމެއްގައި ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދީ ހާލަތާ ނުބައްދަލު ބޭކާރު މަޝްރޫއެއް ކަމަށެވެ. އެގޮތުން، އެ މަޝްރޫއުގެ ދަށުން ބިން ހިއްކުމަށް އެކަނިވެސް 250 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށާއި، ބިން ހިއްކައި ނިމުމަށްފަހު ރިވެޓްމަންޓް ޖެހުމަށް އިތުރު އެތައް މިލިއަން ޑޮލަރެއް ހޭދަވާނެކަން އޭނާ ވިދާޅުވި އެވެ. މި ސަބަބުތަކާ ހުރެ، އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އެ މަޝްރޫއު ކުރިއަށް ނުގެންދާނެކަަމަށް ނާޒިލް ވިދާޅުވި އެވެ.
"ރާއްޖޭގެ އިގްތިސާދީ ހާލަތު ތަނެއް ނުދޭ [ރަސްމާލެ މަޝްރޫ ހިންގާކަށް]. އެއީ އަޅުގަނޑުމެންގެ ވެރިކަމެއްގައި ނުކުރާނެ ކަމެއް،" ނާޒިލް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއުގެ އިތުރުން، މިހާރުގެ ސަރުކާރުން ބޭކާރު ގޮތުގައި އެތަކެއް މިލިއަން ރުފިޔާއެއް ހޭދަކުރަމުންދާ ކަމަށްވެސް ނާޒިލް ވިދާޅުވި އެވެ. މިކަމުގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެވެ. ނާޒިލް ވިދާޅުވި ގޮތުގައި އެ ރަސްމިއްޔާތުގައި ޑްރޯން ޝޯއެއް ބޭއްވުމަށް އެކަނިވެސް 150 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ އެ މަޝްރޫއުގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަޝްރޫއުގެ މަސައްކަތްތައް މިވަގުތު ހުއްޓިފައިވަނީ އީރާނުގެ ހަނގުރާމައާ ގުޅިގެން ކަމަށްވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއުގެ އިގުތިސާދީ ފައިދާއާމެދު ސުވާލު އުފައްދަމުންނެވެ.
ދަރިންގެ ނަފްސާނީ ސިއްހަތު ރަނގަޅު ކުރަން އެހީއެއް!
މާލޭގެ މޭޔަރާއި ކައުންސިލަރުންނަށް އެޗްޑީސީން ހުރަސްއަޅައިފި
"އަލަތު ކައިވެންޏަށް ހިލޭ ޖާގަ ދޭނީ ތަނަވަސްކަން ނެތް މީހުންނަށް"
