އެމެރިކާއިން އީރާނުގެ ކަރަންޓު އުފައްދާ ވަސީލަތްތަކަށް ހަމަލާދީފިނަމަ، ރަތްކަނޑުގެ ތެޔޮ އުފުލާ މަގު ބަންދުކުރުމަށް ތައްޔާރަށް ތިބުމަށް އީރާނުން ޔަމަނުގެ ހޫތީ ޖަމާއަތަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް އާ ނުރައްކާތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އީރާނުގެ ސަރުކާރުގެ އިސްވެރިންގެ މެދުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި، މި މެސެޖު ހޫތީންނަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށް އީރާނުގެ އިސް ދެ އޮފިޝަލަކާއި ސަރަހައްދީ މައުލޫމާތު ހުރި ފަރާތަކާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރޮޕޯޓްކޮށްފަ އެވެ.
ބާބުލް މަންދަބު ކައިރީގައި ހޫތީންގެ ޑްރޯންތައް
ހޫތީންނާ ގާތް ގުޅުމެއް އޮންނަ ފަރާތަކާ ހަވާލާދީ ރިޕޯޓްކުރި ގޮތުގައި، ރަތްކަނޑުގެ ދޮރާށި ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅި ކައިރީގައި މިސައިލާއި ޑްރޯންތައް ހަރުކޮށް، އާގުބޯޓުފަހަރަށް ހަމަލާދިނުމަށް ހޫތީން ވަނީ ފުރިހަމައަށް ތައްޔާރުވެފަ އެވެ. އަދި ހަމަލާ ފެށުމަށް އެ ޖަމާއަތުން މިހާރު އިންތިޒާރު ކުރަމުންދަނީ އަމުރަކަށެވެ.
އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މިހާރުވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް، ރަތްކަނޑު ބަންދުކުރުމުން އިތުރަށް ގޯސްވެގެންދާނެ އެވެ. މެދުއިރުމަތީގެ ތެޔޮ އެކްސްޕޯޓް ކުރާ މައިގަނޑު ދެ މަގު އެއްފަހަރާ ބަންދުވުމަކީ ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެކެވެ.
ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ މަންދޫބުންނަކީ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރާނެ ވަގުތު ކަނޑައަޅާނެ ފަރާތްތައް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ސަރަހައްދީ މަސްލަހަތު ގޯސްވަނީ
ސައުދީ އަރަބިއްޔާއިން ހޫތީންގެ ކޮންޓްރޯލް ދަށުގައިވާ އެއާޕޯޓަކަށް ހަމަލާދިން ކަމަށް ބުނެ، ހޫތީން ވަނީ ސައުދީއަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ. މިއީ ހަތަރު އަހަރަށްފަހު ދެފަރާތުގެ މެދުގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް ހިންގި އަމަލެކެވެ.
ސައުދީ އަރަބިއްޔާއިން ބުނާ ގޮތުގައި، އީރާނާއި ހޫތީންގެ ފަރާތުން އަންނަ އިންޒާރުތައް އެ ގައުމުން ނަގަނީ ވަރަށް ސީރިއަސްކޮށެވެ. އަދި ރަތްކަނޑުގެ ކަންކަމުގައި ހޫތީން އީރާނާ ގާތް ގުޅުމެއް ބާއްވަމުންދާކަން ސައުދީއަށް ވަނީ ފާހަގަކުރެވިފަ އެވެ.
ރަތްކަނޑު ބަންދުކުރުމަކީ އުނދަގޫ ކަމެއް ނޫން
ދުނިޔޭގެ ހަކަތައިގެ ގާތްގަނޑަކަށް 7 އިންސައްތަ މިހާރު ދަތުރުކުރަނީ ރަތްކަނޑުގެ މަގުންނެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި، މި މަގަށް ނުރައްކާކޮށްގެން އެމެރިކާއަށް އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދެވިދާނެ އެވެ.
އީރާނުން ދެކޭ ގޮތުގައި ހޫތީންނަކީ އެ ގައުމުގެ "އެކްސިސް އޮފް ރެސިސްޓެންސް" ނުވަތަ ދެކޮޅުވެރިކަމުގެ ބައިވެރިންގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނުން ދަނީ ހޫތީންނަށް ހަތިޔާރާއި ފައިސާ އަދި ތަމްރީނު ފޯރުކޮށްދެމުންނެވެ. ނަމަވެސް އީރާނުން މި ތުހުމަތުތައް ދޮގުކުރެ އެވެ.
ޑޮލަރުގެ ތާށިކަން ހައްލުނުވާތީ ސުވާލު އުފައްދަވައިފި
ބޮލީވުޑްގެ ކަންކަން ނިކްއަށް މާ ބޮޑަށް އެނގޭ: ޕްރިޔަންކާ
"އަލަތު ކައިވެންޏަށް ހިލޭ ޖާގަ ދޭނީ ތަނަވަސްކަން ނެތް މީހުންނަށް"