ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނައިން ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އާމްދަނީ ލިބެމުންދަނީ މިހާރުގެ ސަރުކާރަށް ކަމަށް ވިދާޅުވެ، މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު މި ސަރުކާރުގެ މާލީ ސިޔާސަތުތަކާ މެދު ސުވާލު އުފައްދަވައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތަށް ރެކޯޑު އަދަދަކަށް ބޭރު ފައިސާ ވަންނަމުންދާއިރު ވެސް، ބޭންކު ކާޑުތަކުގެ ލިމިޓުގެ ދަތިކަމާއި، މުދާ އިމްޕޯޓް ކުރުމުގައި ހުރި ހުރަސްތަކުގެ އިތުރުން ޑޮލަރު ކޮންޓްރޯލް ކުރަންޖެހުން ފަދަ އިގުތިސާދީ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން މިހާރު މައިގަނޑު ގޮތެއްގައި އުފެދެނީ ދައުލަތަށް ބޭރު ފައިސާ ލިބޭތޯ ނުވަތަ ނޫންތޯއާ މެދު އުފެދޭ ސުވާލެއް ނޫން ކަމަށާއި، ނަމަވެސް އެ ލިބޭ ރެކޯޑު އާމްދަނީއަށް ވަމުންދާ ގޮތަކާ މެދު އުފެދޭ ސުވާލުތައް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީރާގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަސް އަހަރުގެ ދައުރުގައި ޖުމްލަ 3,078.68 މިލިއަން ޑޮލަރު (އަހަރަކު އެވްރެޖްކޮށް 513.11 މިލިއަން ޑޮލަރު) ލިބިފައި ވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި ލިބިފައި ވަނީ ޖުމްލަ 3,421.94 މިލިއަން ޑޮލަރު (އަހަރަކު އެވްރެޖްކޮށް 684.39 މިލިއަން ޑޮލަރު) އެވެ.

ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެކަނި ވެސް ޖުމްލަ 2,557.88 މިލިއަން ޑޮލަރު ލިބިފައި ވާއިރު، މިއީ އަހަރަކަށް ބަލާނަމަ އެވްރެޖްކޮށް 1,278.94 މިލިއަން ޑޮލަރެވެ.

މިއީ ކުރީގެ ސަރުކާރުތަކުގެ އަހަރީ އެވްރެޖާ އަޅާ ބަލާއިރު ދެގުނައާ ގާތްކުރާ ބޮޑު އިތުރުވުމެކެވެ.

ޒަރިޔަންދު ހާމަކުރެއްވި ގޮތުގައި މިހާ ގިނައިން ދައުލަތަށް ބޭރު ފައިސާ ވަންނަމުން ދާއިރު ވެސް، އާންމުންނަށް ބޭންކު ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރުމުގައި ހުރި ދަތިތަކަށް ހައްލެއް ނުލިބުމަކީ ލިބޭ އާމްދަނީ މެނޭޖުކުރުމުގެ ހަރުދަނާކަމާ މެދު ސުވާލު އުފެދޭ ކަމެކެވެ. މީގެ އިތުރުން ރާއްޖޭގެ ކާޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު 21.25 ރުފިޔާއަށް އުފުލިފައި ވާއިރު، މިއީ ތާރީހުގައި ވެސް ޑޮލަރުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ވިޔަފާރިވެރިން ވެސް އަންދާޒާކުރާ ގޮތުގައި މާލީ ނިޒާމު ހަރުދަނާ ނުކުރެވިއްޖެ ނަމަ، ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު އިތުރަށް އުފުލިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.