ވެރިކަމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ އާއި އޭނާގެ އާއިލާއާ ގުޅުން އޮންނަ 10 ވިޔަފާރި ގްރޫޕަކާ ގުޅުން ހުރި 760 ބިލިއަން ޓާކާ (ގާތްގަނޑަކަށް 6.2 ބިލިއަން އެމެރިކާ ޑޮލަރު) ގެ މުދާ ހިފަހައްޓާފައިވާ ކަމަށް ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.

ދަރިވަރުން އިސްވެ ތިބެ ހިންގި ވަރުގަދަ މުޒާހަރާތަކަށް ފަހު، 2024 ވަނަ އަހަރު ހަސީނާގެ 15 އަހަރުވީ ހަރުކަށި ވެރިކަން ވެއްޓުމާއެކު އެކަމަނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން ގާއިމުވި ބަންގްލަދޭޝްގެ އާ ސަރުކާރުން މިހާރު ދަނީ، އެކަމަނާގެ ނުފޫޒުން ނާޖާއިޒު މަންފާ ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ އާއިލީ ބޭފުޅުންނާއި ބޮޑެތި ވިޔަފާރިތަކުގެ މާލީ ޖަރީމާތައް ވަރަށް ފުޅާދާއިރާއެއްގައި ތަހުގީގު ކުރަމުންނެވެ.

ބަންގްލަދޭޝް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އިހްތިޔާރު މުހައްމަދު މަމްނޫން ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ހިފެހެއްޓި މުދަލުގެ ތެރެއިން 570 ބިލިއަން ޓާކާގެ މުދާ ހުރީ އެ ގައުމުގަ އެވެ. އަދި ބާކީ ހުރި 190 ބިލިއަން ޓާކާގެ މުދަލަކީ ގައުމުން ބޭރަށް ބަދަލުކޮށްފައިވާ ތަކެއްޗެވެ.

ވެރިކަން ބަދަލުވި ފަހުން ހަސީނާގެ މައްޗަށް ގައިރު ހާޒިރުގައި ގިނަ މައްސަލަތަކެއް ސާބިތުވެފައި ވާއިރު، އޭގެ ތެރޭގައި ވެރި ރަށް ޑާކާގެ އަގުބޮޑު ބިންތަކެއް ނާޖާއިޒު ގޮތުގައި ބެހި މައްސަލައިގެ އިތުރުން، އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައި މަރުގެ ހުކުމް ވެސް ހިމެނެ އެވެ. އެހެންނަމަވެސް 2024 ގެ އޮގަސްޓް މަހުން ފެށިގެން އިންޑިއާގެ ހިމާޔަތުގައި ހުންނެވި ހަސީނާ ދާދި ފަހުން ވިދާޅުވެފައި ވަނީ، މި އަހަރު ނިމުމުގެ ކުރިން އެނބުރި ގައުމަށް ވަޑައިގަތުމަށް ގަސްތުކުރައްވާ ކަމަށެވެ.