ފަހަކަށް އައިސް ބަރުދަން ލުއިކުރުމަށާއި ސިއްހަތު ރަނގަޅު ކުރުމަށް "އިންޓަމިޓެންޓް ފާސްޓިންގް" ނުވަތަ ދުވަހުގެ ވަކި ގަޑިތަކެއްގައި އެކަނި ކެއުމުގެ އާދަ ވަނީ ވަރަށް ބޮޑަށް އާއްމުވެފަ އެވެ.
އާއްމުކޮށް މިކަން ކުރާ މީހުން ދުވަހުގެ 24 ގަޑިއިރުގެ ތެރެއިން 8 ގަޑިއިރު ކެއުމަށް ހާއްސަ ކުރުމަށްފަހު، ބާކީ 16 ގަޑިއިރު ހުންނަނީ ނުކަ އެވެ.
ނަމަވެސް، މިގޮތަށް ކެއުން ކޮންޓްރޯލް ކުރުމަކީ ހިތުގެ ސިއްހަތަށް އޮތް ނުރައްކަލެއްތޯ ސުވާލު އުފެދިފައިވަނިކޮށް، އިންޑިއާގެ ސީކޭ ބިރްލާ ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޑިރެކްޓަރު ޑރ. އަންޝުލް ކުމާރު ޖެއިން ވަނީ މިކަމުގެ ހަގީގަތް ހާމަ ކޮށްދެއްވާފަ އެވެ.
ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ދުވާލަކު 8 ގަޑިއިރަށްވުރެ މަދު ވަގުތުކޮޅެއްގައި ކެއުމުގެ އާދަ ހިފަހައްޓާ މީހުންނަށް ހިތުގެ ބަލިތަކުގައި މަރުވުމުގެ ނުރައްކާ 90 ޕަސެންޓަށް އިތުރުވެ އެވެ.
ނަމަވެސް މިއީ ހަމައެކަނި އޮބްޒަވޭޝަނަލް ދިރާސާއެއް ކަމަށާއި، މިފަދަ ދިރާސާތަކުން ކަމެއް ހިނގަން މެދުވެރިވި ސީދާ ސަބަބު ސާބިތު ނުކުރެވޭނެ ކަމަށް ޑރ. އަންޝުލް ވިދާޅުވި އެވެ.
މީގެ ތެރޭގައި ދިރާސާގައި ބައިވެރިވި މީހުންގެ ކުރީގެ ސިއްހީ ހާލަތާއި، ދިރިއުޅުމުގެ އާދަކާދައާއި، ކެއުމުގެ ފެންވަރު ފަދަ އެކި ކަންކަން އެކުލެވިގެންވާނެ އެވެ.
ކެއުމުގެ ވަގުތަށްވުރެ ކާނާގެ ފެންވަރު މުހިންމު
ޑރ. އަންޝުލް ފާހަގަ ކުރެއްވި ގޮތުގައި، ރަނގަޅު ގޮތުގައި ކުރާނަމަ އިންޓަމިޓެންޓް ފާސްޓިންގްގެ ސަބަބުން ހިތުގެ ސިއްހަތަށް ފައިދާތަކެއް ކުރާކަން ގިނަ ދިރާސާތަކުން ދައްކަ އެވެ.
"ކެއުމުގެ ވަގުތުތައް ކޮންޓްރޯލް ކުރުމަށްވުރެ، ކެއުމުގައި ބޭނުންކުރާ ކާނާގެ ފެންވަރާއި އޭގައި އެކުލެވޭ މާއްދާތައް ހިތުގެ ސިއްހަތަށް ކުރާ އަސަރު މާބޮޑު. ކެއުމުގެ ވަގުތު ކުރު ކޮށްލުމަށްފަހު ފައިދާއެއްނެތް ކާނާ ކެއުމުގެ ބަދަލުގައި، މޭވާއާއި ގޮވާމުގެ ބާވަތްތަކުގެ އިތުރުން ސިއްހަތަށް ފައިދާހުރި ތެޔޮ އަދި ފައިބާ އެކުލެވޭ ކާނާ ކެއުމުން ހިތަށް ލިބޭ ފައިދާ މާބޮޑު." ޑރ. އަންޝުލް ވިދާޅުވި އެވެ.
އިންޓަމިޓެންޓް ފާސްޓިންގް ކޮށްގެން ނުވާނެ މީހުން
ޑޮކްޓަރު އިންޒާރު ދެއްވާ ގޮތުގައި އިންޓަރމިޓެންޓް ފާސްޓިންގްއަކީ އެންމެންނަށް އެކަށީގެންވާ ކަމެއް ނޫނެވެ. އެގޮތުން އެކަމުގެ ނުރައްކާ ވަކި ބަޔަކަށް ބޮޑުވެ އެވެ.
- ހަކުރުބަލި ހުންނަ މީހުން
- ދާއިމީ ބޭސް ބޭނުންކުރާ މީހުން
- މާބަނޑު އަންހެނުންނާއި ކިރުދޭ މައިން
- ދިގުދެމިގެންވާ އެހެނިހެން ސިއްހީ މައްސަލަތައް ހުންނަ މީހުން
މިފަދަ ހާލަތްތަކުގައިވާ މީހުން މިފަދަ ޑައިޓެއް ފެށުމުގެ ކުރިން ސިއްހީ މާހިރެއްގެ އިރުޝާދު ހޯދުން ވަރަށް މުހިއްމެވެ.
ޖުމްލަކޮށް ބުނާނަމަ ސިއްހަތަށް ފައިދާހުރި ކާނާއާއެކު އިންޓަމިޓެންޓް ފާސްޓިންގް ކުރިއަށް ގެންދިއުމަކީ ހިތުގެ ބަލިތަކުގައި މަރުވުމުގެ ނުރައްކާ އިތުރުކުރާ ކަމެއްކަން އަދި ސާބިތުވެފައެއް ނުވެ އެވެ.
އެހެންކަމުން، ހަމައެކަނި ކާ ގަޑިއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ކާ ތަކެތީގެ ފެންވަރަށް ސަމާލުވުމާއި، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، ކަސްރަތު ކުރުން ފަދަ ކަންކަމަށް އިސްކަން ދިނުން މުހިންމެވެ.
ހޮލޭންޑްގެ މެސެޖަށް ހާލަންޑްގެ ޖަވާބެއް ނުލިބުނު!
ފާހާނާ ތަށްޓަށްވުރެ ތި ގެންގުޅޭ ފޯނުގައި ޖަރާސީމު ގިނަ!
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި