ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ރޭ އިންގްލެންޑް އިން ލަނޑެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރައި 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ވޯލްޑް ކަޕްގެ ފައިނަލަށް 1966 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ދަތުރުކުރުމުގެ އުންމީދުގައި މެޗަށް ނިކުތް އިންގްލެންޑުން 55 ވަނަ މިނިޓުގައި ލީޑު ނެގީ އެންތަނީ ގޯޑަން ޖެހި ލަނޑުންނެވެ.
މެޗުގެ ފަހު 10 މިނިޓަށް ދިޔައިރު ވެސް، އިންގްލެންޑް އޮތީ ލީޑުގަ އެވެ. އަދި ލީޑު ހިފެހެއްޓުމަށް، ޑިފެންޑަރުން އިތުރުކޮށް، ފަހަތަށް ޖެހިގެން އިންގްލެންޑްއިން ދިޔައީ އާޖެންޓީނާއިން ފުލުފުލުން އެ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ފޮނުވަމުން ދިޔަ ބޯޅަތައް ދިފާއު ކުރަމުންނެވެ.
އެކަމަކު އާޖެންޓީނާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 85 ވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފުގައި ވެސް އިންގްލެންޑް ގޯލަށް ނުރައްކާތެރި ހަމަލާއެއް އަމާޒުކޮށްލި އެންޒޯ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ފަޔަށް ހެޔޮވަރު ކޮށްލުމަށްފަހު، އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެެވެ. އަދި މެޗުގެ އިތުރު ވަގުތުގައި، އިންގްލެންޑްގެ އުންމީދުތައް ފެނަށް ދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒް ލަނޑެއް ޖަހައި އާޖެންޓީނާއަށް ލީޑު ހޯދައިދިނުމުންނެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހުރަސްކޮށްލި ބޯޅަ، މާޓިނޭޒް ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ ތަށި ދިފާއުކުރުމަށް ނުކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށެވެ. ބްރެޒިލް އިން 1962 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި ދިފާއުކުރި ފަހުން، އެއްވެސް ޓީމަކަށް ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު ނުހޯދެ އެވެ. ބްރެޒިލްގެ އިތުރުން، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ދިފާއު ކުރި ހަމައެކަނި ގައުމަކީ އިޓަލީ އެވެ.
ގުޅިފަޅުން ހަވާލުނުކޮށް އޮތީ 1،755 ގޯއްޗެއްގެ ލިޔުން
ބޮލީވުޑްގެ ކަންކަން ނިކްއަށް މާ ބޮޑަށް އެނގޭ: ޕްރިޔަންކާ
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި