ހޮލީވުޑް ކެރިއަރުގެ އެންމެ އުހުގައި އުޅުމަށްފަހު، ކެމެރާތަކާއި ރެޑް ކާޕެޓްތަކާ ދުރަށް ޖެހިލައި، އަމިއްލަ ދަނޑެއްގައި ދިރިއުޅުން ބިނާ ކުރުމަކީ އޭނާގެ ފުރާނައަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް "ދަ ވެމްޕަޔާ ޑައިރީސް"ގެ ތަރި އިއަން ސޮމަހޯލްޑާ ބުނެފި އެވެ.
އިއާންއާއި އޭނާގެ އަންހެނުން ނިކީ ރީޑް (މަޝްހޫރު 'ޓްވައިލައިޓް' ގެ ބަތަލާ) މިހާރު ދިރިއުޅެމުންދަނީ ސިޓީގެ ހަލަބޮލިކަމާ ދުރުގައި، ގުދުރަތީ މާހައުލެއްގަ އެވެ.
"މިއީ އަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލި ކަމެއް" އިންޓަވިއުގައި އިއަން ހާމަކުރި ގޮތުގައި، ހޮލީވުޑްގައި މަސައްކަތް ކުރުމަކީ އޭނާއަށް ގިނަ ކަންތައްތަކެއް ހާސިލުވީ ކަމެއް ނަމަވެސް، ހަގީގީ އުފާވެރިކަން ފެނުނީ ބިމާ ގުޅިގެން، އަމިއްލައަށް ގަސް ހައްދައި، ޖަނަވާރުތައް ބަލަހައްޓަން ފެށުމުންނެވެ.
"ދަނޑުވެރިކަމުގެ ތެރެއަށް ވަނުމަކީ އަހަރެންގެ ވިސްނުމާއި، ސިއްހަތާއި، އަދި ދިރިއުޅުމުގެ ބޭނުން މުޅިން ބަދަލުކޮށްލި ކަމެއް. ކާނާ އުފެދިގެން އަންނަ ގޮތް އަމިއްލައަށް ދެކެ، ބިމާ ގުޅުން ބަދަހި ވުމުން ލިބޭ ހަމަޖެހުން ވަރަށް ތަފާތު،" އިއަން ބުނެފައިވެ އެވެ.
އިއާން ފާހަގަކުރި ގޮތުގައި، މި ބަދަލުގެ ސަބަބުން އޭނާގެ ދަރިން ބޮޑެތިވަމުން އަންނަނީ ގުދުރަތީ މާހައުލަށް ލޯބިކުރާ، އަދި ދިރިއުޅުމުގެ އަސްލު އަގު ވަޒަން ކުރަން އެނގޭ ކުދިންގެ ގޮތުގަ އެވެ. ދަނޑުގައި އުޅޭއިރު ފޯނާއި ސޯޝަލް މީޑިއާގެ ނުފޫޒު ކުޑަވެ، އާއިލާގެ މެދުގައި އޮންނަ ގުޅުން ކުރިއަށްވުރެ ބަދަހިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެކްޓިންއާ ދުރުވި ނަމަވެސް، އިއަން އަންނަނީ ތިމާވެށި ރައްކާތެރި ކުރުމަށާއި، ބިމުގެ ދިރުންތައް އަލުން އާލާ ކުރާނެ ގޮތްތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތް ވުމަށްޓަކައި ބިމަށް އަޅާލުން އިތުރުކުރަން ޖެހެ އެވެ.
"އަހަރެން ހޮލީވުޑް މަތިން ފޫއްސެއް ނުވޭ. އެކަމަކު މިހާރު އަހަރެން ހުރިހާ ވަގުތެއް ހޭދަކުރަން ބޭނުންވަނީ މި ދަނޑުގައި. މިއީ އަހަރެންގެ ދިރިއުޅުމުގެ ދެވަނަ ބާބު،" އިއާން ބުންޏެވެ
.އޭނާގެ މި ނިންމުމަކީ ދުނިޔޭގެ ލައިމްލައިޓާއި މުއްސަނދި ކަމަށްވުރެ، އަމިއްލަ ނަފްސުގެ ހަމަޖެހުމާއި ސިއްހަތަށް އިސްކަން ދިނުމުން ލިބޭނެ ފައިދާ ދައްކުވައިދޭ ރީތި މިސާލެކެވެ.
ވަޒީފާއިން ކަނޑަނީ ސަރުކާރާ ދެކޮޅު މީހުން ކަމަށް ބުނެ ގަރާރެއް
ނޯލަންގެ "ދަ އޮޑިސީ"އަށް ހޮލީވުޑްގެ ފެހި ސިގްނަލް!
ހިމަބިއްސާ ގުޅޭ ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް