ހަރަދު ކުޑަކުރުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަށް ނިންމި ނިންމުން ސަރުކާރުން ބޭނުންކުރަމުން ދަނީ ސަރުކާރަށް ތާއީދުނުކުރާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި ގަރާރުގެ ފުރަތަމަ ކިއުން މިހާރު ވަނީ އިއްވާފަ އެވެ.

ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރާނެ ކަމަށް އިއުލާންކުރިތާ އެތައް ދުވަހެއް ވީއިރު ވެސް އެކަން ހާމަކަމާއި ހަމަހަމަ އުސޫލެއްގެ ދަށުން ކުރިއަށްދާ ތަނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ހަރަދު ކުޑަކުރުމުގެ ނަމުގައި ކުއްލި ގޮތަކަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރާ މީހުންނާއި އިދިކޮޅު އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކަމަށް ބުނެ ގަރާރުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މީގެ އިތުރުން، މިގޮތަށް މީހުން ވަކިކުރަމުން ދަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބެއް ނެތި، އަދި ކުންފުނިތަކުގެ އަމިއްލަ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ގަރާރުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އެހެންކަމުން، މި މައްސަލާގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު މަޖިލިސް މެންބަރުން ދެކޭ ގޮތް ބަލަން ބޭނުންވާ ކަމަށް ވެސް އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވާއިރު މި ސަރުކާރުން އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ބުނެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ބިރުދައްކާކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.