ހަށިގަނޑުން ސަރުބީ މަދު ކުރުމަށް މަސައްކަތް ކުރާއިރު ވީހާވެސް ބޮޑަށް ހަށިގަނޑު ވަރުބަލި ކޮށްލައި، "އޯވަޓްރެއިން" ކުރުމަކީ ބަރުދަން ލުއިވުން ލަސް ކޮށްދޭ ކަމެއް ކަމަށް ސިއްހީ މާހިރަކު ހާމަ ކުރައްވައިފި އެވެ.

ހަށިގަނޑަށް ފައިދާހުރި ގޮތުގައި ސަރުބީ ވިރުވުމަށް ބޭނުންވާނަމަ ކޮންމެ ދުވަހެއްގެ އާދަތައް ބެހެއްޓުން މުހިއްމެވެ. އޭގެ ތެރޭގައި ރަނގަޅު ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުން ހިމެނެ އެވެ. ނަމަވެސް، ކޮންމެ ކަމެއްގައިވެސް މާބޮޑަށް ހައްދު ފަހަނައަޅާ ދިއުމަކީ ބޭނުންވާ ނަތީޖާ ލިބޭނެ ކަމެއް ނޫނެވެ.

ކޯނެލް ޔުނިވާސިޓީން ތައުލީމު ހާސިލު ކުރައްވާފައިވާ ލޮންޖެވިޓީ މާހިރު ޑރ. ވެސިލީ އެލިއޮޕޮލޮސް ވިދާޅުވާ ގޮތުގައި، ހަށިގަނޑު ކޮންޓްރޯލުން ނެއްޓޭ ވަރަށް ކަސްރަތު ކުރުމަކީ ސަރުބީ ވިރުވުމުގެ މަރުހަލާ ލަސް ކޮށްލާ ކަމެކެވެ.

"މާ ބޮޑަށް ބާރުލާފައި ކަންކަން ކުރުމަކީ އަބަދު އެންމެ ބުއްދިވެރި ގޮތެއް ނޫން. ތިމާގެ ހަށިގަނޑުގެ ބަޔޮލޮޖީއާ ދެކޮޅަށް ގަދަކަމުން ކަމެއް ނުކުރެވޭނެ. ހަށިގަނޑަށް އަބަދުވެސް ނުރައްކަލެއް ނުވަތަ ބޮޑު ބުރައެއް އުޅޭ ކަމުގެ އިހުސާސް ކުރެވޭނަމަ، ހަށިގަނޑުން ސަރުބީ ވިރުވުން ހުއްޓާލައި، އަމިއްލަ ނަފްސު ރައްކާތެރި ކުރަން ފަށާނެ" ޑރ. ވެސިލީ ވިދާޅުވި އެވެ.

'އޯވަޓްރެއިނިންގ' އަކީ ކޮބާ؟

މިއީ ހަމައެކަނި "ގިނައިން ކަސްރަތު ކުރުން" އެކަންޏެއް ނޫނެވެ. މީގެ މާނައަކީ ހަށިގަނޑަށް އެކަށީގެންވާ ވަރަށް އަރާމު ނުވަތަ ރިކަވަރީއެއް ނުދީ އިންތިހާއަށް ބަރުކޮށް ނުވަތަ ދިގު ވަގުތަކަށް ކަސްރަތު ކުރުމެވެ.

އޯވަޓްރެއިން ވާކަމުގެ ބައެއް ނިޝާންތައް

  • ކަސްރަތުކުރާ ހިތްނުވުން ނުވަތަ މޯޓިވޭޝަން ގެއްލުން
  • އަބަދު ވަރުބަލިވެފައި ހުރުން
  • ނިދަން އުނދަގޫވުން
  • ހުޅުތަކާއި މަސްތަކުގައި އަބަދު ރިއްސުން
  • ސަބަބަކާ ނުލައި މޫޑު ގޯސްވުން

ކޯޓިސޯލް ހޯމޯން މައްޗަށް ދިއުން: ސަރުބީ ވިރުވުމުގެ ދުޝްމަނެއް

މާބޮޑަށް ހަށިގަނޑަށް ބާރު ބޮޑުވުމުން 'ކޯޓިސޯލް' ކިޔާ ސްޓްރެސް ހޯމޯންއެއް ހަށިގަނޑުގައި ގިނަވެ ދިގު މުއްދަތަކަށް އާލާވެ ހުރެ އެވެ. މީގެ ސަބަބުން:

  • މަސްތައް ބަލިކަށިވުން: ހަށިގަނޑުގެ މަސްތައް މަދުވާން ފަށަ އެވެ. މަސްތައް މަދުވުމަކީ މެޓަބޮލިޒަމް (ހަކަތަ އަންދާ މިންވަރު) ދަށްވާ ކަމެކެވެ.
  • ބަނޑުގެ ސަރުބީ އިތުރުވުން: ކޯޓިސޯލް މަތީގައި ހުރުމުން ހަށިގަނޑުން ހާއްސަކޮށް ބަނޑު ވަށައިގެން ސަރުބީ ރައްކާ ކުރަން މަގުފަހިވެ އެވެ.
  • އިންސިއުލިން ރެސިސްޓެންސް: ހަށިގަނޑުގައި ހަކުރު ކޮންޓްރޯލް ކުރުމަށް ހުރަސްއެޅި، ސަރުބީ ވިރުވަން އުނދަގޫވެ އެވެ.

ޑރ. ވެސިލީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންސާނާގެ ނާރުގެ ނިޒާމަށް ދިރިއުޅުމުގެ ސްޓްރެސްއާއި، މަސައްކަތުގެ ބުރަކަމާއި، ކަސްރަތުގެ ސަބަބުން ލިބޭ ޖިސްމާނީ ސްޓްރެސް ވަކި ކުރާކަށް ނޭނގެ އެވެ. އެހެން ކަމުން މި ހުރިހާ ކަމެއް އެއްވުމުން ހޯމޯންތަކަށް ބޮޑު ހީނަރުކަމެއް އާދެ އެވެ.

ކަސްރަތު ކުރަންވީ "ގިނައަކުން" ނޫނެވެ. ކުރަންވީ "ރަނގަޅަށެވެ." ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި، ހަށިގަނޑަށް ބާރު ބޮޑުވާނަމަ ކަސްރަތު މަޑު ޖައްސާލައި، އަރާމު ކުރަން ދަސް ކުރަންޖެހެ އެވެ.

ސަރުބީ މަދުކުރަން ބޭނުންނަމަ ކަސްރަތު ކުރުމަށްފަހު ހަށިގަނޑަށް ބޭނުންވާ ފުރިހަމަ އަރާމާއި، ހަމަނިދި އަދި ފައިދާހުރި ކާނާ ދިނުން މުހިއްމެވެ.