ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ މިސްރު އަތުން ފަހަތުން އަރައި އާޖެންޓީނާ މޮޅުވި މެޗުގެ ރެފްރީން މިސްރާމެދު އަމަލުކުރީ ވަރަށް ބޭއިންސާފުވެރި ގޮތަކަށް ކަމަށް ބުނެ، މިސްރުގެ ކޯޗު ހޮސާމް ހަސަންގެ ހިތްހަމަނުޖެހުންތައް ބަންޑުންކޮށްލައިފި އެވެ.
މިސްރުން ދެ ލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް، އާޖެންޓީނާ އިން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ 3-2 އިންނެވެ. މި މެޗުގައި މިސްރުން 1-0ގެ ލީޑެއް ނަގާފައިވަނިކޮށް، އެ ޓީމުން ކައުންޓާ އެޓޭކެއްގައި ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ލަނޑު ބަލައިނުގަތީ ކައުންޓާ އެޓޭކަށް ބޯޅަ ހޯދުމަށް މިސްރުގެ ހާފުގެ ތެރެއިން އާޖެންޓީނާގެ ލިސަންދުރޯ މާޓިނޭޒަށް ކުރި ފައުލަކާ ގުޅިގެންނެވެ. މިސްރުން ދެވަނަ ލަނޑު ޖެހީ އޭގެ ފަހުންނެވެ.
އާޖެންޓީނާ މެޗުން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގައެވެ. މިސްރު ކުޅުންތެރިންނާއި އޮފިޝަލުން ހިތްހަމަނުޖެހުނީ މި ލަނޑު ޖެހުމުގެ ފުރުސަތު އާޖެންޓީނާ އިން ހޯދުމުގެ ތެރޭގައި ފައުލެއްކޮށްފައިވާކަން ގަބޫލްކުރެވުމުންނެވެ. އެކަމަކު މެޗުގެ ރެފްރީ ފްރާންސްގެ ފްރެންސޮއިސް ލެޓެޒިއޭ ނިންމީ އެ ލަނޑުގައި މައްސަލައެއް ނެތް ކަމަށެވެ. އެ ލަނޑަށް ފަހު މިސްރުގެ ކުޅުންތެރިންނާއި ރެފްރީ ރެފްރީގެ ނިންމުމަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އެ ވަގުތުގެ މިސްރުގެ ބައެއް އޮފިޝަލުންނާއި ކުޅުންތެރިންނަށް ރެފްރީ ކާޑުވެސް ދެއްކި އެވެ.
"މިއަދު ރެފްރީ އަހަރެމެންނާމެދު އަމަލުކުރީ ވަރަށް ބޭއިންސާފުވެރި ގޮތަކަށް. އަހަރަމެންނަށް މިއަދު މި އިހުސާސްކުރަން ޖެހުނީ ބޭއިންސާފު،" ކުއާޓާ ފައިނަލްގެ ޖާގައެއް މިސްރަށް ހައްގު ކަމަށް ބުނަމުން ހަސަން ބުންޏެވެ.
ހަސަން ބުނީ ރެފްރީގެ ފަރާތުން ބޭއިންސާފުވެރި އެތައް ނިންމުންތަކެއް ފެނުނު ކަމަށެވެ. އަދި މި މެޗުގައި މިސްރަށް "އިހުތިރާމެއް އަދި ފެއާ ޕްލޭ" އެއް ނުލިބުނު ކަމަށެވެ.
މި އަހަރުގެ ވޯލްޑް ކަޕަށް ނުކުތުމުގެ ކުރިން މިސްރަށް ވޯލްޑް ކަޕެއްގައި މޮޅެއްވެސް ނުލިބެ އެވެ. ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު މިސްރުން ހޯދީ މި އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގަ އެވެ.
އަސަރާއެކު ވާހަކަދައްކަމުންދިޔަ ހަސަން ބުނީ މި އަހަރުގެ ވޯލްޑް ކަޕްގައި ބާކީ އޮތް އެއްވެސް މެޗެއް އޭނާ ނުބަލާނެ ކަމަށެވެ.
"އަހަރެން ދެން މި މުބާރާތުގެ މެޗެއް ނުބަލާނަން،" ހަސަން ބުންޏެވެ.
"ދަ ވެމްޕަޔާ ޑައިރީސް"ގެ ތަރި އިއާންގެ އާ ދިރިއުޅުން!
ނޯލަންގެ "ދަ އޮޑިސީ"އަށް ހޮލީވުޑްގެ ފެހި ސިގްނަލް!
