ސިނގިރޭޓުގެ އަގުބޮޑުކޮށްގެން ސަރުކާރުގެ ތެރެއިން ބޭނުންވާ ވަރަށް ވައްކަންކޮށް ނިމުމުން، އަގުހެޔޮކުރަން ހުށަހެޅީ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މެންބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި، އެމްޑީޕީގެ މެންބަރުން ވަނީ ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރަން ސަރުކާރުން ނިންމި ނިންމުމާ މެދު ސުވާލު އުފައްދާފަ އެވެ. ސަރުކާރުން މިހާރު ހުށަހަޅާފައިވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 50 އިންސައްތައިން 30 އިންސައްތައަށް ކުޑަކުރުމަށެވެ. އަދި ސިނގިރޭޓަކުން ނަގާ ސްޕެސިފިކް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. މިއާއެކު ސިނގިރޭޓުގެ އަގު ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހެޔޮވާނެ އެވެ.
މި ބަހުސްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، ސިނގިރޭޓުގެ އަގު ބޮޑުކުރީ ކަޅު ބާޒާރެއް އުފައްދައިގެން ވައްކަން ކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.
"އަގުބޮޑުކޮށްފައި ވައްކަމުގެ މާކެޓެއް އުފެއްދީ. 40 ފޫޓުގެ 50 ކޮންޓެއިނަރު ވަގަށް އެތެރެވެއްޖެ މި ގައުމަށް. ކަސްޓަމްސްގެ އާމްދަނީން ދެ ބިލިއަން ރުފިޔާ، މި ސަރުކާރު ބައިވެރިވެގެން ވައްކަން ކޮށްފި،" ޣަފޫރު ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ، ދިރާސާކުރުމެއް ނެތި، ކުއްލި ގޮތަކަށް ސިޔާސަތުތަކަށް ބަދަލު ގެނައުމުން ފެންނަނީ ސަރުކާރުގެ ނާގާބިލުކަން ކަމަށެވެ.
މީކާއިލް ފާހަގަކުރެއްވި ގޮތުގައި، އެންމެ ރެޔެއްގެ ކާ މޭޒުދޮށުގައި ނިންމާ ނިންމުންތަކުގެ ސަބަބުން ގައުމުގެ ސިޔާސަތުތަކަށް އަންނަނީ ނުރަނގަޅު ލޮޅުންތަކެކެވެ.
މީގެ އިތުރުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ސިނގިރޭޓުގެ އަގު އިންތިހާއަށް ބޮޑުކުރުމުން ޒުވާނުންނަށް މަޖުބޫރުވީ ރައްކާތެރި ނޫން އެހެން ބާވަތްތައް ބޭނުންކުރުމަށާއި ބިޑި އޮޅުމަށް ކަމަށެވެ. މިއީ ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ފަދަ އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ހާމަކުރެއްވި ގޮތުގައި، ސިނގިރޭޓުގެ އަގުބޮޑުކުރުމާ ގުޅިގެން އުފެދުނު ކަޅު ބާޒާރުގެ ސަބަބުން ކަސްޓަމްސްގެ ޑިއުޓީ އާމްދަނީން އެކަނި ވެސް 1.5 ބިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، މިއީ 2028 ވަނަ އަހަރުގެ އިންތިހާބަށް އަމާޒުކޮށްގެން ގެންނަ ބަދަލެއް ކަމަށާއި، ނަމަވެސް އަމާނާތްތެރިކަމެއް ނެތި އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ސަރުކާރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސްތަކުން ނަގާ ޑިއުޓީ ވެސް ކުޑަކުރަން ހުށަހަޅާފައިވާއިރު، މި ބަދަލު އިއުލާނުކުރީ ދާދިފަހުން ބޭއްވި ބައި-އިލެކްޝަނަކާ ދިމާކޮށެވެ. ސަރުކާރުން ބުނަމުންދަނީ މި ބަދަލު ގެންނަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް އިދިކޮޅު މެންބަރުން ބުނަނީ މިއީ ވަގު ސިނގިރޭޓާއި ފޭކު އުފެއްދުންތަކުން މުޅި ގައުމު ފުރާލުމަށްފަހު، ސިޔާސީ މަންފާއަކަށް ގެންނަ ބަދަލެއް ކަމަށެވެ.
މި ބިލު މަޖިލީހުން ފާސްވެ ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި އާ ގަވާއިދުތަކަށް އަމަލުކުރަން ޖެހޭނެ އެވެ. އެހެންކަމުން، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ބާޒާރުގައި ސިނގިރޭޓުގެ އަގު ހެޔޮވާނެ ކަމަށް ބެލެވެ އެވެ.
އިލެކްޝަންސް ކޮމިޝަނަށް ޕީއެންސީގެ ޝަކީލް އައްޔަންކޮށްފި
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ