ހާޓް އެޓޭކް ނުވަތަ ހިތުގެ ބަލިތަކަކީ އާންމުކޮށް އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ ސިއްހީ މައްސަލައެއްގެ ގޮތުގައި ކުރިން ބެލެވުނު ނަމަވެސް، ފަހަކަށް އައިސް ޒުވާނުންގެ މެދުގައި މި ނުރައްކާ ބޮޑު ވަމުންނެވެ.
އެގޮތުން އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާޓް އެޓޭކް ޖެހޭ މިންވަރު އިތުރުވުމަކީ މުޅި ދުނިޔޭގެ ސިއްހީ މާހިރުން މިހާރު އެންމެ ކަންބޮޑުވާ އެއް މައްސަލަ އެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ޒުވާން އުމުރުގައި ހިތުގެ މައްސަލަތައް ކުރިމަތިވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް އަހަރެމެންގެ ދިރިއުޅުމުގެ އާދަތަކާ ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ.
1. ދިރިއުޅުމުގެ ނުރަނގަޅު އާދަތަކާއި ކާނާ
ޒުވާނުންގެ މެދުގައި ހާޓް އެޓޭކް އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާ ދުރު ވުމެވެ. ފާސްޓް ފުޑް، ތެޔޮ ގިނަ ކާނާ، އަދި ހަކުރު ގިނައިން އެކުލެވޭ ބުއިންތައް ބޭނުން ކުރުން އިތުރު ވުމުގެ ސަބަބުން ހަށިގަނޑުގައި ނުރަނގަޅު ކޮލެސްޓްރޯލް ގިނަވެ، ލޭ ހޮޅިތައް ބެދުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން ގަވާއިދުން ކަސްރަތު ނުކުރުމާއި، ގިނަ ވަގުތު އިށީީނދެގެން ތިބެން ޖެހޭ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ލޭގެ ހިނގުމަށް ބުރޫ އަރަ އެވެ.
2. ނަފްސާނީ ފިއްތުންތަކާއި ސްޓްރެސް
މިއަދުގެ ޒުވާނުންނަކީ ކިޔެވުމާއި، ވަޒީފާގެ މާހައުލު އަދި މާލީ ކަންކަމުގެ ސަބަބުން ނުހަނު ބޮޑަށް ސްޓްރެސްއާ ކުރިމަތިލާން ޖެހިފައިވާ ބައެކެވެ. ދިގު މުއްދަތަކަށް ނަފްސާނީ ފިއްތުން ތަކުގައި އުޅެން ޖެހުމުން ހަށިގަނޑުން "ކޯޓިސޯލް" ފަދަ ހޯމޯންތައް ދޫކުރާ މިންވަރު އިތުރުވެ އެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ވިންދު އަވަސްވެ، ހިތަށް ބާރު ބޮޑުވެ އެވެ.
3. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕް ކުރުން
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ. ހާއްސަކޮށް މިޒަމާނުގެ ޒުވާނުންގެ މެދުގައި "ވޭޕް" ނުވަތަ އީ-ސިނގިރޭޓް ބޭނުން ކުރުން ވަނީ ފެޝަނަކަށް ވެފަ އެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ވޭޕަކީ ރައްކާތެރި އެއްޗެއް ކަމަށެވެ. ނަމަވެސް ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕްގައި ހުންނަ ކެމިކަލްތަކުގެ ސަބަބުން ލޭ ހޮޅިތަކަށް ގެއްލުންވެ، ލޭ ގަނޑުވުމުގެ މައްސަލަ ކުރިމަތިވެ، ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތު ދެގުނައަށް އިތުރުވެ އެވެ.
4. ހަކުރު ބައްޔާއި މާ ބޮޑަށް ފަލަވުން
ޒުވާން އުމުރުގައި ހަކުރުބަލި ޖެހޭ މިންވަރު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ދިގު މުއްދަތަކަށް ލޭގައި ހަކުރު ހުންނަން ޖެހޭ މިންވަރަށްވުރެ މަތީގައި ހަކުރު ހުރުމުން، ލޭ ހޮޅިތަކުގެ އެތެރޭގެ ފަށަލައަށް ގެއްލުންވެ، ހިތަށް ލޭ ފޮނުވައިދޭ މަގުތައް ހަނިވެ އެވެ. މީގެ އިތުރުން ބަރުދަން މާ ބޮޑަށް އިތުރު ވުމަކީ ހިތުގެ މަސައްކަތަށް ނުހަނު ބޮޑަށް ބާރު ބޮޑު ކުރުވާ ކަމެކެވެ.
5. ނިދި މަދުވުން
ރޭގަނޑު ގިނަ ވަގުތު ފޯނު ބޭނުން ކުރުމާއި، ގޭމް ކުޅުމުގައި ހޭލާ ހުރުމަކީ ޒުވާނުންގެ އާއްމު އާދަ އެކެވެ. ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ނުލިބުމަކީ ހިތުގެ ދުޅަހެޔޮ ކަމަށް ބޮޑު ހުރަހެކެވެ. ނިދި މަދުވުމުން ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ހުރަސްއެޅެ އެވެ.
ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
ޒުވާން އުމުރުގައި ހާޓް އެޓޭކްގެ ޝިކާރައަކަށްވުމުން ސަލާމަތްވުމަށްޓަކައި މިހާރުން މިހާރަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެގޮތުން
- ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓު ހިނގުން ނުވަތަ ކަސްރަތު ކުރުން.
- ތެލާއި ހަކުރު ގިނަ ކާނާ ދޫކޮށް، ތަރުކާރީއާއި މޭވާ ކެއުމުގައި ހިމެނުން.
- ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވޭޕް ކުރުން މުޅިން ހުއްޓާލުން.
- ގަވާއިދުން މެޑިކަލް ޗެކަޕް ހަދައި، ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ހުރި މިންވަރު ބެލުން.
ހިތުގެ ބައްޔަކީ ހަމައެކަނި "މުސްކުޅި ބައްޔެއް" ނޫންކަން ދަނެ، އަމިއްލަ ސިއްހަތަށް ޒުވާން އުމުރުގައި ސަމާލުކަން ދިނުމަކީ ދިގު އަދި ދުޅަހެޔޮ ދިރިއުޅުމެއްގެ ފެށުމެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ހަގީގީ އެކުވެރިކަން ހޯދިދާނެތަ؟
ފާހާނާއަށް ފޯނު ވައްދާނަމަ މި ނުރައްކާތެރި ބައްޔަށް މަގުފަހިވޭ!