އީރާނުގެ ފާސް ޕްރޮވިންސްގެ ދެކުނު ސަރަހައްދަކުން 212.4 ބިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ގޭސް ފެނިފައިވާ ކަމަށް އެ ގައުމުގެ ތެލާ ބެހޭ ވަޒީރު މުހުސިން ފާކްނޭޖާދު ވިދާޅުވި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން އޮގަސްޓް 23 ގައި ރިޕޯޓްކޮށްފި އެވެ.
ފާކްނޭޖާދު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުން ގޭސް ނެގޭނެ މިންވަރަށް ބަލާއިރު، ގާތްގަނޑަކަށް 161.41 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް އުފެއްދުމުގެ ގާބިލުކަން އެބަހުއްޓެވެ.
އީރާނުން އަންދާޒާކުރާ ގޮތުގައި ހަނގުރާމައިގެ ކުރިން އެ ގައުމުން ދުވާލަކު 650 މިލިއަން ކިއުބިކް މީޓަރުގެ ގޭސް އުފައްދާފައިވެއެވެ. މިއީ އަހަރަކަށް ބަލާނަމަ ގާތްގަނޑަކަށް 240 ބިލިއަން ކިއުބިކް މީޓަރެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ގެއްލުން ލިބިފައިވާ ހަކަތައިގެ ވަސީލަތްތައް މަރާމާތުކުރުމުގެ މަސައްކަތް ތެހެރާނުން ކުރަމުންދާއިރު، އެމެރިކާއިން އަޅަން ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު ޖުލައި މަހު ވިދާޅުވި ގޮތުގައި، ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން ދުވާލަކު ގާތްގަނޑަކަށް 230 މިލިއަން ކިއުބިކް މީޓަރުގެ ގޭސް އުފެއްދުން މެދުކެނޑިފައިވީ ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި ދުވާލަކު 100 މިލިއަން ކިއުބިކް މީޓަރުގެ ގޭސް އުފެއްދުމުގެ ގާބިލުކަން އަލުން ހޯދޭނެ ކަމަށް އީރާނުން އުއްމީދު ކުރެއެވެ.
ފާކްނޭޖާދު އިތުރަށް ވިދާޅުވީ އަލަށް ފެނުނު ގޭހަކީ "ސުވީޓް" ނުވަތަ ސާފުކުރަން ފަސޭހަ ގޭސް ކަމަށްވުމުން، އެ ވަސީލަތް ތަރައްގީކުރުމަށާއި އުފެއްދުމަށް ހިނގާ ހަރަދުތައް ކުޑަވާނެ ކަމަށެވެ.
އުމުރުން 45 އަހަރުގައި ކަރީނާ ތިންވަނަ ދަރިފުޅަށް ބަނޑު ބޮޑު؟
