މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން، ސަރުކާރުން ތެޔޮ އެތެރެކުރަން ކުރާ ހޭދަ ކުރިއަށް ވުރެ 110 ޕަސެންޓު އިތުރުވެ، މިހާރު މަހަކު 116 މިލިއަން ޑޮލަރު ހަރަދުކުރަންޖެހިފައިވާ ކަމަށް، އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ ހަނގުރާމައިގެ ކުރިން މަހަކު ހޭދަވަމުން ދިޔަ 50 މިލިއަން ޑޮލަރުގެ ބަދަލުގައި، މިދިޔަ މާޗު މަހުން ފެށިގެން އެ ހަރަދު 116 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ. މިއީ 61 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.
ރާއްޖެއަށް އެތެރެކުރާ ތެލުގެ 98 އިންސައްތަ އޮމާނަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، ސަރުކާރުން މިހާރު ދަނީ އިތުރު މަގުތައް ހޯދަމުންނެވެ. ޚާއްސަކޮށް ފެބްރުއަރީ މަހު މެދުއިރުމަތީގައި މަސްލަހަތު އިތުރަށް ގޯސްވުމާ ގުޅިގެން، ސަޕްލައި މެދުކެނޑުނަ ނުދިނުމަށް ދަނީ ފިޔަވަޅު އަޅަމުންނެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާއިން މި މެއި މަހު ބައި މިލިއަން ޓަނުގެ ތެޔޮ ބޭރުގެ ބާޒާރުތަކަށް ނެރެން ވަނީ ހުއްދަދީފަ އެވެ. ޗައިނާއިން މިގޮތަށް ތެޔޮ ވިއްކަން ކަނޑައެޅި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނޭ 40 އިންސައްތަ ޑީސަލާއި ޖެޓް ފިއުލްގެ ސަބަބުން ރާއްޖޭގެ ބާޒާރަށް ބޮޑު ލުޔެއް ލިބޭނެ އެވެ.
ރާއްޖޭގައި އަމިއްލަ ފޮސިލް ފިއުލް ރިޒާވެއް ނެތުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ސީދާ ދިވެހި އިގްތިސޯދަށް ކުރެ އެވެ.
"އަޅުގަނޑުމެން އެބަޖެހޭ ޑީސަލް، ނޫނީ ރާއްޖޭން ބޭރުން އިމްޕޯޓުކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭން ލިބެން ހުރި އިޔާދަކުރުވަނިވި ހަކަތައިގެ (އަވިންނާއި ވައިން ހަކަތަ އުފައްދާ) ވަސީލަތްތަކަށް ދާން،" އަހުމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތެލުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތެވެ. އަދި ކުރިމަގުގައި ދިމާވެދާނެ މިފަދަ ކާރިސާތަކުން ސަލާމަތްވުމަށްޓަކައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް "ގައުމީ ތެލުގެ ރިޒާވެއް" ގާއިމުކުރުމުގެ ދިރާސާތައް ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިހާރު ވަނީ ފަށާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކަރަންޓަށް ބޭނުންވާ ތެޔޮ އެތެރެކުރާ ހަރަދު މިހާ ބޮޑަށް އިތުރުވެފައިވާއިރު، ރާއްޖެއިން ހަރަދުތައް ކުޑަކުރަން އެންމެ އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމުގެ ކަންބޮޑުވުން އެބައޮތެވެ. މެދު އިރުމަތީގެ ހާލަތާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން ދަނީ އިގްތިސޯދީ ބޮޑެތި ފިޔަވަޅުތައް އަޅަމުންނެވެ.
އީރާނުގެ ޔުރޭނިއަމް ރަޝިޔާއަށް ފޮނުވަން ހުށަހަޅައިފި
އީރާނުގެ އިސްލާހުތައް އެމެރިކާއާ ހިއްސާކޮށްފި
ވަގު ސިނގިރޭޓްތަކެއް އަތުލައިގެންފި