ރާއްޖޭގެ ބޮޑުބަޔަކަށް މިއަދު މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު، ބައެއް ސަރަހައްދުތަކަށް ގުގުރާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ދެކުނުގެ އަތޮޅުތަކަށް ބަލާއިރު، އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، މަދު ރަށްތަކަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. މިއީ ރާއްޖޭގެ މޫސުން ބަދަލުވަމުންދާ ދުވަސްވަރަކަށް ވާތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފަ އެވެ.
ވައިޖެހޭނެ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 އާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 އާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ބެލެވޭއިރު، އެ ސަރަހައްދުގައި ރާޅުގެ އުސްމިން ހުންނާނީ 1 ފޫޓާއި 3 ފޫޓާ ދެމެދުގަ އެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދީފި
އަމީނީ މަގުގައި އަލުން ތާރު އެޅުމުގެ މަސައްކަތް ފަށަނީ