ސަރުކާރުގެ ދަރަނި ދައްކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި ކަސްޓަމަރުންގެ ޑޮލަރު ދޫކޮށްފައި ނުވާނެ ކަމަށް އެ ބޭންކްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މިދިޔަ 40 ވަރަކަށް ދުވަހުގެ ތެރޭގައި ސުކޫކާއި، ސްވޮޕް އަދި ލޯނުތައް ހިމެނޭހެން ރާއްޖޭން ދައްކަން ޖެހޭ 974 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކައިފަ އެވެ. އަދި މި ފައިސާ ދައްކާފައި ވަނީ ބީއެމްއެލްގައި ކަސްޓަމަރުން ޖަމާކޮށްފައިވާ ފައިސާއިން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ނަމަވެސް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ. އަދި ބޭންކްގައި ހުރި ކަސްޓަމަރުންގެ ޑިފޮސިޓް ރައްކާތެރިކުރުމަކީ އެ ބޭންކުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން ދޭން ބޭނުން އަޅުގަނޑުމެންގެ ބޭންކް ހިންގަމުން މިދަނީ ބޭންކިން އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންގެ ޑިޕޮސިޓް ރައްކާތެރިކޮށްގެން. ޑިޕޮސިޓް އަޅުގަނޑުމެން މިކުރާ ކަމަކީ އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރުން އެންމެ ބޮޑަށް އަޅުގަނޑުމެން ޑޮލަރު ލޯނު ދޫކުރެވިފައި ވާނީ ފަތުރުވެރިކަމުގެ ސިނާއަތަށް،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އެ ބޭންކްގެ ޑިޕޮސިޓްގެ ގާތްގަނޑަކަށް 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް ހުރީ ލޯނު ދޫކޮށްފައި ކަމަށެވެ. އަދި ސަރުކާރަށް ލޯނު ދޫކުރުމަށް ބޭންކުން އެއްވެސް ވަރަކަށް ޑޮލަރު ދޫކޮށްފައި ނުވާނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"ފަތުރުވެރިކަމުގެ ސިނާއަތަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރާއި ކައިރިކުރާ އަދަދަކަށް އަޅުގަނޑުމެންގެ ޑޮލަރު ލޯނު ޕޯޓްފޯލިއޯ މިހާރު ޑޮލަރުން އެބަހުރި ޓޫރިޒަމް ސެކްޓާއަށް. މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވެސް އަޅުގަނޑުމެން 35 މިލިއަން ޑޮލަރު އަލަށް ވެސް ދޫކުރިން. އަދިވެސް އަޅުގަނޑުމެން މިދަނީ ޓޫރިޒަމް ސެކްޓާއަށް އިންވެސްޓްކުރަމުން،" ޝަރީފު ވިދާޅުވި އެވެ.
ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވަނީ ދައްކާފަ އެވެ. މި ފައިސާ ދެއްކުމުގައި ސަރުކާރުން ބޭނުންކޮށްފައި ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ފަތުރުވެރިން ޑައިވިނަށް ދިޔަ އުޅަނދުގެ ލައިސަންސް ހިފަހައްޓައިފި
ގެއްލުނު ޑައިވަރުން ހޯދުމަށް އިޓަލީގެ މާހިރުން އަންނަނީ
ކޭންސްގެ ތާރީހުގައި ފެނުނު އެންމެ އަގުބޮޑު ހެދުމަކީ މިއީ!