ގަވާއިދުން ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތެއް ހޯދަން އަހަރުމެން އެންމެން ވެސް ބޭނުންވެ އެވެ. ކަސްރަތު ކުރުމުގެ ނިޔަތުގައި ފޯނު އެލާމް ކޮށްގެން ނިދާ ރޭރޭ ވެސް މަދެއް ނޫނެވެ.
އެހެން ނަމަވެސް ވަގުތު އައިސް ޖެހި އެ އެލާމް ރިންގު ވުމުން ނިއްވާލެވެނީ އެވެ. މާދަމާ ދާން ހިތުލައި "އަދު ނޫން މާދަމާ"ގައި ތާށިވަނީ އެވެ.
ސައިންސްވެރިން ވިދާޅުވާ ގޮތުގައި ކަސްރަތު ކުރަން ބޭނުންވާ ހިތްވަރު ނެތުމަކީ ޖިސްމާނީ މައްސަލައަކަށްވުރެ މީހާގެ ނަފްސާނީ ސިއްހަތާ ގުޅުންހުރި ކަމެކެވެ. އެކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ވެސް ހުރެ އެވެ.
"ވަގުތު ނެތުމުގެ" ވިސްނުން ބަދަލުކުރުން
ކަސްރަތު ނުކުރަން ދައްކާ އެންމެ ބޮޑު އެއް ބަހަނާއަކީ ވަގުތު ނެތުމެވެ. މާހިރުން ވިދާޅުވާ ގޮތުގައި މިއީ ހަގީގަތުގައި ވަގުތު ނެތުމެއް ނޫނެވެ. އެއީ އަހަރެމެން ވަގުތާ މެދު ދެކޭގޮތުގެ މައްސަލައެކެވެ. އަހަރެމެންނަށް ހީވަނީ ކަސްރަތު ކުރަން ޖެހޭނީ ހުސްވަގުތުގަ އެވެ.
ނަމަވެސް، ދިރިއުޅުމުގެ މުހިންމު ކަންކަމަށް ވަގުތު ހޯދާ ފަދައިން، ހަށިގަނޑު ހަރަކާތްތެރި ކުރުމަށްވެސް ވަގުތު ކަނޑައަޅަން ޖެހެ އެވެ. އެއީ ވަގުތު ލިބިގެން ކުރާ ކަމަކަށްވުރެ ބޮޑަށް ވަގުތު ހޯދައިގެން ކުރަންޖެހޭ ކަމެކެވެ.
ކަސްރަތު ކުރުމުގެ ކުރިން "މޯޓިވޭޝަން"ށް އިންތިޒާރު ނުކުރުން
ގިނަ މީހުންނަށް ހީވަނީ ކަސްރަތު ކުރަން ފެށޭނީ އެކަމަށް ހިތްވަރެއް ނުވަތަ ފޯރިއެއް އައުމުންނެވެ. ނަމަވެސް ހަގީގަތަކީ މީގެ އިދިކޮޅެވެ. މޯޓިވޭޝަން އަންނަނީ ހަށިގަނޑު ހަރަކާތްތެރި ކުރަން ފަށާ ފަހުންނެވެ.
އެހެންކަމުން، ސިކުނޑިން އެކަމާ މެދު ބަހުސްކޮށް ބަހަނާ ދައްކަން ފެށުމުގެ ކުރިން، ހަމައެކަނި ފަށައިގަންނާށެވެ. ފެށުމުން އޭގެ ޒާތުގައި ފޯރި ހިފާނެ އެވެ.
ފަސޭހައިން ފެށޭނެ މާހައުލެއް ތައްޔާރު ކުރުން
ކަސްރަތު ކުރަން ދިއުމަށް ހުރަސްއަޅާ ކުދިކުދި ކަންކަން ނައްތާލާށެވެ. މިސާލަކަށް، ހެނދުނު ކަސްރަތު ކުރަން ބޭނުންނަމަ، ރޭގަނޑު ނިދުމުގެ ކުރިން ކަސްރަތު ކުރާ ހެދުމާއި ބޫޓު ތައްޔާރުކޮށް ސިޓިންގްރޫމުގައި ނުވަތަ ދޮރުމަތީގައި ބަހައްޓާށެވެ. ސިކުނޑިއަށް ވިސްނަން ޖެހޭ ކަންކަން މަދުވި ވަރަކަށް، ކަންނެތްކަމާ ދެކޮޅަށް ކުރަންޖެހޭ ހަނގުރާމަ ކުޑަވާނެ އެވެ.
ބިރުގަންނަ ކަންކަމާ ކުރިމަތިލުން
ބައެއް ފަހަރު ކަސްރަތު ނުކުރެވެނީ ނުކުރެވިދާނެ ކަމުގެ ބިރަށް ނުވަތަ އަނިޔާއެއް ވެދާނެތީ އެވެ. ނަމަވެސް އެ ބިރުން އަރައިގަނެވޭނީ އެކަމެއް ކޮށްގެންނެވެ. ހަށިގަނޑަށް އެންމެ ފަސޭހަ، އަދި ކުރަން ކެރޭ ކަހަލަ ކުދި ހަރަކާތްތަކުން ފަށާށެވެ.
ކަސްރަތަކީ "އަދަބެއް" ކަމަށް ނުދެކުން
މަޝްހޫރު ސްޕޯޓްސް މެޑިސިން ޑޮކްޓަރެއް ކަމަށްވާ ރަސަލް ކަމްހީ ވިދާޅުވާ ގޮތުގައި، ގިނަ މީހުން ކަސްރަތު ކުރަނީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ނުވަތަ ބޮޑު "ސިކްސް ޕެކް" އެއް ހެދުމަށެވެ.
ނަމަވެސް، ދާއިމީގޮތެއްގައި ކަސްރަތު ކުރެވެނީ އެއީ ހަށިގަނޑަށްދޭ އަދަބެއްގެ ބަދަލުގައި، އަމިއްލަ ނަފްސަށްދޭ "އަޅާލުމެއް" ކަމަށް ދެކިގެންނެވެ. ދުވާލަކު 20 މިނެޓުގެ ކުޑަ ކަސްރަތަކީވެސް ސިއްހަތަށް އޭގެ ފުރިހަމަ ފައިދާ ކުރާނެ ކަމެކެވެ.
ކަސްރަތު ކުރުމަކީ ފުރިހަމަކަމަށް ވާސިލްވުމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އާދައަކަށް ހެދުމެވެ. މިއަދުވެސް ކުޑަ ހިނގާލުމަކުން ނުވަތަ ގޭގައި ހުރެގެން ކުރެވޭނެ ކުޑަ ކަސްރަތަކުން ފަށައިގަންނަންވީ އެވެ.
ޓްރަމްޕަށް ފަހު، ޕޫޓިން ވެސް ޗައިނާއަށް ވަޑައިގަންނަވަނީ
އެމްޑަބްލިއުއެސްސީގެ ބޯޑުގެ ޗެއާކަމުން ޝަމްހޫޒާ ވަކިކޮށްފި
ސިފައިންގެ ޑައިވަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ