ރިތޭޝް ދޭޝްމުކް ޑައިރެކްޓްކޮށް، ހަމަ އޭނާ މައި ރޯލު ކުޅެފައިވާ ތާރީޚީ ފިލްމު "ރާޖާ ޝިވާޖީ"އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބެމުން އެބަދެ އެވެ. ބޮލީވުޑްގެ ހަބަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމު ދަނީ މަރާޓީ ސިނަމާގެ ރެކޯޑުތައް މުގުރާލަމުންނެވެ.
ފިލްމު ރިލީޒްކުރިތާ އަށް ވަނަ ދުވަހަށް އައިއިރު، އިންޑިއާގެ ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ ޖުމްލަ 55 ކްރޯޑް ރުޕީސް އަށް ވުރެ ގިނަ އާމްދަނީއެއް ލިބިފަ އެވެ.
ފުރަތަމަ ހަފުތާ ބަންދުގައި ފިލްމަށް ލިބުނު ބޮޑު ތަރުހީބަށް ފަހު، ހަފުތާގެ މެދުތެރޭގައި އާމްދަނީއަށް ކުޑަ ލޮޅުމެއް އައި ނަމަވެސް، ދެވަނަ ހަފުތާ ބަންދަށް ކުރިމަތިލާއިރު ފިލްމުގެ ވިޔަފާރި އަދިވެސް އޮތީ ވަރުގަދަ ފެންވަރެއްގަ އެވެ.
މި ފިލްމު ބޮޑަށް ކާމިޔާބުވެފައިވަނީ މަރާޓީ ބަހުންނެވެ. ނަމަވެސް ހިންދީ ބަހުން ރިލީޒްކުރި ވާޝަނަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދެ އެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު މަރާޓީ ފިލްމު ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
މަރާޓާ ރަސްކަމުގެ ބާނީ، ޗަރްޕަތީ ޝިވާޖީ މަހާރާޖުގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެ ފިލްމުގެ ތަރިންގެ ތެރޭގައި ހިމެނެނީ ރިތޭޝް ދޭޝްމުކްގެ އިތުރުން ސަންޖޭ ދަތު، އަބީޝެކް ބައްޗަން، ޖެނީލިއާ ދިސޫޒާ، ފަރުދީން ޚާން އަދި ވިދްޔާ ބާލަން ފަދަ މަޝްހޫރު ތަރިންނެވެ.
އެއާއެކު ޚާއްސަ ފެނިލުމެއްގެ ގޮތުގައި ފިލްމުގެ ތެރެއިން މަޝްހޫރު ތަރި ސަލްމާން ޚާންގެ ފެނިލުމެއް ވެސް ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.
މި ފިލްމަކީ ރިތޭޝްގެ އަމިއްލަ ކުންފުނި "މުމްބާއީ ފިލްމް ކޮމްޕެނީ" އާއި "ޖިއޯ ސްޓޫޑިއޯސް" ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. ރިތޭޝް ބުނެފައިވާ ގޮތުގައި މިއީ އޭނާ ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއްގެ ނަތީޖާ އެވެ.
މާހިރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފުތާ ބަންދުގައި މި ފިލްމުގެ އާމްދަނީ 70 ކްރޯޑް ރުޕީސް އަށް ވުރެ މައްޗަށް އަރާނެ އެވެ. މިއީ މަރާޓީ ސިނަމާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ފަރާތްތަކުން ދެކެ އެވެ.
ޕްރޮސެސްޑް ކާނާއާއި ޑިމެންޝިއާ: ސިއްހަތަށް ބޮޑު ނުރައްކަލެއް!
މިރެޔާ ހަމައަށް އީރާނުގެ ޖަވާބެއް ލިބޭނެކަމަށް ބެލެވޭ: ޓްރަމްޕް