އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމުގެ ގޮތުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު މިދިޔަ ޖުލައި މަހުން ފެށިގެން އަންނަނީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް، ޕްރައިމަރީގައި ވާދަކުރައްވާނެކަން އޭނާ އަދި ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ.
ޝާހިދު އެކި ފަރާތްތަކާއެކު ބާއްވަމުންދާ ބައްދަލުވުންތަކުގައި ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައި މެންބަރުންގެ ތާއީދަށް ދަނީ އެދިވަޑައިގަންނަވަމުންނެވެ. މާދަމާ އައްޑޫއަށް ވަޑައިގަންނަވާނެކަން އޭނާ ވަނީ އެކްސް މެދުވެރިކޮށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ކެމްޕެއިންގެ ދެ ޖަލްސާއެއް ބޭއްވުމަށް ވަނީ ރޭވިފަ އެވެ. އެގޮތުން މާދަމާ ރޭ ހިތަދޫގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަހުގެ ރޭ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުދޫ- މީދޫގަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫގެ އިސް ބޭފުޅުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ޝާހިދު ކުރައްވާނެ އެވެ. އަދި ބައެއް ބޭފުޅުންނާ ވަކިވަކިން ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުގެ ކުރިން، މާލޭގައި ދިރިއުޅޭ އައްޑޫގެ ބައެއް ރައްޔިތުންނާ ވެސް އޭނާ ވަނީ ބައްދަލު ކުރައްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރެއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ. މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވީ ނަމަވެސް، އެކަން ރަސްމީކޮށް އިއުލާނެއް ނުކުރައްވަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް އެ ޕާޓީން އަދި ނުނިންމަ އެވެ. ނަމަވެސް އެ ޕާޓީން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.
އޭ ލެވެލް އިމްތިޚާނުގެ ނަތީޖާ ދޫކުރަން ފަށައިފި
އަމާން ޓަވަރުތަކަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކުރަނީ
މިއަދު ބާއްވަން ނިންމި މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފި
