މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ އާރުޓީއައިތުގެ ތެރެއިން ސަރުކާރުން ޖަވާބުދޭނީ ސައްހަ ނިޔަތުގައި ހުށަހަޅާ އާރްޓީއައިތަކަށް އެކަނި ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހާމަކުރައްވައިފި އެވެ.

މުންދު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އާރްޓީއައި ހުށަހަޅާ މީހާގެ ސައްހަ ނިޔަތް ދެނެގަންނާނެ ގޮތެއް މުންދު ވިދާޅެއްނުވެ އެވެ.

މުންދު ވިިދާޅުވީ ރައީސް އޮފީހަށް ހުށަހަޅާ އާރުޓީއައިތަކުގެ ތެރެއިން ގިނަ އާރުޓީއައިތަކަށް ޖަވާބު ދީފައިވާ ކަމަށެވެ.

“ސައްހަ ފަރާތްތަކުން މީގެ ބައެއް ފަހަރު ބަލާލާއިރު އައިޑެންޓިޓީ ވެސް ދިމާނުވޭ. އޭގެ މާނައަކީ ސައްހަ ނިޔަތުގައި ސައްހަ ގޮތަށް، ޒިންމާދާރުކަމާއެކު ކުރައްވާ ސުވާލުތަކަށް ޖަވާބު އަރުވާނަމޭ،” މުންދު ވިދާޅުވި އެވެ.

މިވަގުތު ޖަވާބު ނުދީ ހުރި އާރުޓީއައިތަކަކީ ވަގުތުން ޖަވާބު އެރުވުމަށް އުނދަގޫ އާރުޓީއައިތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާރިޖީ ގުޅުންތަކަށް ބުރޫ އަރާ ގޮތަށް އެދިފައި ހުންނަ މައުލޫމާތާއި ބައެއް މިސާލަކަށް މާލީ އެއްބަސްވުންތަކުގައި ހުންނަ ކޮންފިޑެންޝަލިޓީ ކްލޯސްތަކާ ގުޅޭ މައުލޫމާތާއި، ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތު ވެސް ހުންނާނެ ހިސާބަކަށް، ބައެއް އެއްޗެއްސަކީ ޖަވާބު ނޭރުވޭނެ އެއްޗެހި،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ އިންސާނަކަށް ނުވާ ކަލަ އާރްޓީއައިތައް ވެސް އަންނަމުންދާ ކަމަށެވެ.

ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާރުޓީއައި ގާނޫނުގެ ބޭނުން ނަހަމަގޮތުގައި އެއްވެސް ފަރާތަކުން ހިފާކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރޭގައި ގިނައީ އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާ 487 ޝަކުވާ ކަމަށެވެ.

އެންމެ ގިނައިން ޖަވާބު ނުދޭ އިދާރާއެއްގެ ގޮތުގައި ފާހަގަވެފައިވާ އެއް ތަނަކީ ރައީސް އޮފީހެވެ.