ދުނިޔޭގެ ވެކްސިން ހަފްތާ ނުވަތަ 'އިމިއުނައިޒޭޝަން ވީކް' ފާހަގަކުރުމުގެ ގޮތުން، ވެކްސިންގެ މުހިންމުކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން 'ކޮންޓިނިއުއިންގް މެޑިކަލް އެޑިޔުކޭޝަން' (ސީއެމްއީ) ސެޝަނެއް މި ހަފްތާގައި ބާއްވައިފި އެވެ.
މި ސެޝަންގެ މައިގަނޑު މަގުސަދަކީ ފަރުދީ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް ވެކްސިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުވާލުމެވެ. މި ސެޝަންގައި މައުލޫމާތު ދެއްވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ފަރާތުން ސީނިއާ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. އަހްމަދު ފައިސަލްއެވެ.
ޑރ. ފައިސަލްގެ ޕްރެޒެންޓޭޝަންގައި، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ފުރާނައަށް ނުރައްކާވާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ބަލިތަކުން ދިފާއުވުމަށްޓަކައި 'ހާޑް އިމިއުނިޓީ' ނުވަތަ މުޖުތަމައުގެ ބޮޑު އިންސައްތައެއް ވެކްސިން ފުރިހަމަކުރުމުގެ ބޭނުންތެރިކަމަށް އޭނާ ބާރުއެޅުއްވި އެވެ.
މީގެ އިތުރުން، ވެކްސިން ޖެހުމަށް ފަސްޖެހޭ މައްސަލައާއި، އާންމުންގެ މެދުގައި އިތުބާރު އުފެއްދުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ޑރ. ފައިސަލް ވާހަކަދެއްކެވިއެވެ. ދައުލަތުގެ ސިއްހީ އިދާރާތަކުންނާއި ސިއްހީ ހިދުމަތް ފޯރުކޮއްދޭ އެކިއެކި ފަރާތްތަކުން ވެކްސިންގެ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ އަދި ކުރެވިދާނެ މަސައްކަތްތަކަށްވެސް އޭނާ އަލިއަޅުވާލެއްވިއެވެ.
މި ސެޝަންގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. އެލެސަންޑްރާ މާޓިނޯވެސް ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާގެ ވާހަކައިގައި ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންތައް ގަޑިއަށް ދިނުމާއި، ބެލެނިވެރިން ހޭލުންތެރިކުރުވުމުގައި ސިއްހީ ޚިދުމަތްތެރިންގެ މުހިންމު މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ވާހަކަދެއްކެވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްތަކަށް އެއްބާރުލުންދީ، ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ނުހަނު އިސްކަންދޭ ހޮސްޕިޓަލެކެވެ. މިފަދަ ތައުލީމީ ސެޝަންތަކުގެ ސަބަބުން ސިއްހީ ޚިދުމަތްތެރިންގެ މައުލޫމާތު އައުވެ، މުސްތަގުބަލުގެ ޖީލުތަކަށް ރައްކާތެރި މުޖުތަމައެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.
ރަޝިޔާ އާއި ޗައިނާގެ ފްލައިޓްތައް އީރާނަށް ދަތުރުކުރަން ފަށައިފި
"ދުރަންދަރު 2"ގައި ބޮންގޮއްވުމުގެ އަސްލު މަންޒަރުތަކެއް ހިމެނޭ
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ
