ޓެލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ސިރިތީ ޖާ އާއި ޝައްބީރު އަހްލުވާލިއާ، އަލުން އެކުގައި ޓީވީ ސްކްރީނަށް އެނބުރި އަންނަ ހަބަރަކީ މިވަގުތު އިންޑިއާގެ ޓީވީ އިންޑަސްޓްރީގައި އެންމެ ގަދައަށް ދެކެވޭ ވާހަކަ އެވެ.

"ކުމްކުމް ބާގްޔާ" އިން "އަބީ-ޕްރަގްޔާ" ގެ ގޮތުގައި ފެނިގެންދިޔަ މި ދެތަރިންގެ ކެމިސްޓްރީއަށް ފޭނުން ކުރަމުން އައި އިންތިޒާރަށް މިވަނީ ނިމުމެއް އައިސްފަ އެވެ.

"ސްޓާ ޕްލަސް އިން ދައްކަން ތައްޔާރުވަމުންދާ މި އާ ޝޯގެ ނަމަކީ "އޯ ހަމްނަވާ: ތުމް ދޭނާ ސާތު މޭރާ" އެވެ. މި ޝޯގެ ފުރަތަމަ ޕްރޮމޯ މިހާރު ވަނީ އާންމުކޮށްފަ އެވެ.

އޭޕްރީލް 20 ވަނަ ދުވަހު ޕްރިމިއާކުރާ އެ ޝޯ ސްޓާ ޕްލަސްއާއި ހޮޓްސްޓާއިން ސްޓްރީމް ކުރެވޭއިރު ޝޯ ދައްކާނީ ރާއްޖެ ގަޑިން ރޭގަނޑު 07:30ގަ އެވެ.

https://www.youtube.com/watch?v=wLDIGxkMf-I

ރެކްޓާތަކުގެ ތަފުސީލުމިފަހަރު މި ދެތަރިން ފެނިގެންދާނީ މުޅިން ތަފާތު ދެ މިޒާޖެއްގެ ގޮތުގައެވެ.

މާޒީގައި ހިތްދަތި ކަންތައްތަކެއް ތަހައްމަލުކޮށްފައިވާ އާޓިސްޓެއްގެ ރޯލުން ސްރިތީ ފެންނައިރު ޝައްބީރު ކުޅޭ އާރަކްޝިތު އަކީ މަޑުމައިތިރި، އެކަނިވެރިކަމަށް ލޯބިކުރާ ވިޔަފާވެރި އެކެވެ.

މި ޝޯއަކީ ވަރަށް ބޮޑަށް އިހުސާސްތަކާއި، ތަގުދީރުގެ ނިންމުންތަކުގެ މައްޗަށް ބިނާކޮށްފައިވާ ޑްރާމާއެކެވެ. ދެ ބީރައްޓެހިންގެ ގޮތުގައި ދިމާވާ އަޕަރާޖިތާ އާއި ރަކްޝިތުގެ ދެމެދުގައި އުފެދޭ ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވެދޭނެ ގޮތްތައް މި ޝޯއިން ފެނިގެންދާނެއެވެ.

ޚަބަރުތައް ބުނާގޮތުން، މި ޝޯގައި ނެގެޓިވް ރޯލަކުން ފެނިގެންދާނީ މަޝްހޫރު ބަތަލާ ތާނިއާ ޝަރުމާ އެވެ.

ސޯޝަލް މީޑިއާގައި މިހާރުވެސް މި ޝޯއާ ގުޅޭގޮތުން ވަނީ ބޮޑު ބަހުސެއް ފެށިފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ "ކުމްކުމް ބާގްޔާ" އަށްފަހު އެންމެ ބޮޑު ހިޓަކަށް ވާނެ ޝޯ ކަމަށެވެ.

އާންމުކޮށް ޓީވީ ޑްރާމާތަކުގައި ފެންނަ ރޮއިހޭރޭ މަންޒަރުތަކުގެ ބަދަލުގައި، މި ޝޯއިން ފެންނާނީ މާ ސީރިއަސް އަދި ބޮޑެތި މީހުންނަށް ކަމުދާނެ ފަދަ މޮޅު ވާހަކައެއް ކަމަށް ބެލެވެ އެވެ. ކޮންމެއަކަސް، މިއީ އިންޑިއާ ޓީވީ އިންޑަސްޓްރީގައި 2026 ވަނަ އަހަރު ފެށޭނެ އެންމެ ވަރުގަދަ އެއް ޕްރޮޖެކްޓެވެ.