ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް މިރޭ 8:00 އާ ހަމައަށް ސުންގަޑި ކަނޑައަޅައި އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕްގެ ހަރުކަށި އިންޒާރެއް އީރާނަށް އަނެއްކާ ވެސް ދީފި އެވެ.
ރައީސް ޓްރަމްޕް ވަނީ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ "މުޅި ހަޟާރާތެއް ނެތިގެންދާނެ" ކަމަށް ޓްރަމްޕް މިއަދު ބުނެފައިވެ އެވެ.
މީގެ ރައްދުގައި އީރާނުން ބުނެފައިވަނީ، އެމެރިކާއިން ހަމަލާއެއް ދީފި ނަމަ ގަލްފުގެ އަވަށްޓެރި ގައުމުތަކުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީ ބަދަލުހިފާނެ ކަމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ތެހެރާނުން ވަނީ ދެކޮޅު ހަދާފަ އެވެ. މީގެ އިތުރުން، އިޒްރޭލުން ވަނީ އީރާނުގެ ރައްޔިތުން ރޭލުތަކާއި ރޭލު ދަގަނޑުތަކާ ދުރުގައި ތިބުމަށް އިންޒާރު ދީފަ އެވެ.
އީރާނުގެ އައިއާރުޖީސީން ބުނާ ގޮތުގައި، އެމެރިކާއިން ކަނޑައެޅިފައިވާ ރަތް ރިންގުތައް ހުރަސްކޮށް އާންމުންގެ ވަސީލަތްތަކަށް ހަމަލާދީފި ނަމަ، އެ ސަރަހައްދުން ބޭރުގައި ވެސް ރައްދު ހަމަލާދޭނެ އެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންނަށް ތެލާއި ގޭސް ލިބުމުން މަހްރޫމް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޓްރަމްޕްގެ އިންޒާރާ ގުޅިގެން މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ޓްރަމްޕް އުޅުއްވަނީ ގޮތް ހުސްވެގެން ކަމަށެވެ. އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ތެހެރާން ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސްގެ އެސިސްޓެންޓް ޕްރޮފެސަރު ހަސަން އަހްމަދިއާން އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، "މުޅި ހަޟާރާތެއް" ފޮހެލާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ދެއްވި އިންޒާރުން ދޭހަ ވަނީ އޭނާ އިތުރަށް ކޯފާވެ، ގޮތް ހުސްވަމުންދާ ކަމެވެ.
"ދުވަހުން ދުވަހަށް އިންޒާރުގެ ރޫހު ވަރުގަދަވަމުން މިދަނީ އޭނާއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އޭނާ ބޭނުންވަނީ އީރާނުގެ ވިސްނުން ބަދަލުކުރުމަށްޓަކައި އިންޒާރުތަކަކީ ސީރިއަސް އެއްޗެއްކަން ދައްކަން،" އަހުމަދިއާން ވިދާޅުވި އެވެ.
ލެކްޗަރާ އިތުރަށް ވިދާޅުވީ ޓްރަމްޕަށް އޭނާގެ އިންޒާރު އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވުނު ނަމަވެސް، އީރާނަށް ބޮޑެތި ގެއްލުންތަކެއް ދެވިދާނެ ކަމަށެވެ. އަދި އީރާނުން އޮތީ އެފަދަ ކޮންމެ ކަމަކަށް އެކަށީގެންވާ ރައްދެއް ދިނުމަށް ތައްޔާރަށެވެ.
އަހްމަދިއާން ސިފަކުރެއްވި ގޮތުގައި މިއީ ހަނގުރާމަ ފެށުނީއްސުރެ އުފެދިފައިވާ ބޮޑު އޮޅުންބޮޅުމެއް ކަމަށާއި، ޓްރަމްޕް ބޭނުންވާ އެއްވެސް މަގްސަދެއް ހާސިލްނުވެ މިކަން ދަނީ ކުރިއަށެވެ.
ހަނގުރާމައިގެ ހަމަލާތައް ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އެމެރިކާގެ އަސްކަރިއްޔާއިން ޚާރްޖް އައިލެންޑްގައި ހުރި އަސްކަރީ އަމާޒުތަކަށް އިތުރު ހަމަލާތަކެއް ދީފައިވާކަން އެމެރިކާގެ އޮފިޝަލަކު މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އެ ހަމަލާތަކުގެ ސަބަބުން ތެލުގެ އުމްރާނީ ވަސީލަތްތަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަން ވަރަށް ނުރައްކާތެރި
ބޮލީވުޑް ހަށިފާރަވެރިންގެ މުސާރަ ވަރަށް ބޮޑު!
އެޖެންޑާއާއި ގުޅުވާ މަސްލަހަތު ގެއްލޭ ގޮތަށް ދޮގު ވާހަކަ ނުފަތުރާ