ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރާއި ބައިވާން ކައިރިވީ އެވެ. ވެރިކަމުގެ ދައުރަށް ބަލާއިރު އެއީ ދައުރުގެ މެދެވެ. ފުރަތަމަ ހާފު ނިމުނީ އެވެ. އެ ހާފު ނިމެންދަނިކޮށް ނެގި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ލިބުނު މާޔޫސްކަމާއެކު ރައީސް ސޯލިހަށް މިވަނީ ހާފު ޓައިމުގައި ޓީމަށް ބަދަލުތަކެއް ގެނެސް ފަހު ހާފުގައި ތަފާތު ދެއްކޭތޯ ހިތްވަރު ކުރަން ޖެހިފަ އެވެ.

ކައުންސިލް އިންތިޚާބު ނިމުނުއިރު ސަރުކާރުން އުންމީދު ކުރިވަރުގެ ނަތީޖާއެއް ނުލިބުމުގެ އިތުރުން، ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ އެތެރޭގެ ކޯޅުމެއް ވެސް ވަނީ ފެށިފަ އެވެ. ހަގީގަތުގައި މިސަރުކާރު ވެރިކަމަށް އައީއްސުރެ ވެރިކަމުގެ ބާރުތަކަށް ނުފޫޒު ފޯރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިންނަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވުމުގެ ސަބަބުން ޕާޓީ އޮތީ ދެބަޔަކަށް ބެހިފަ އެވެ. ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު މިބައިބައި ވުން އިތުރަށް ފާޅުވެ، ދެ ރައީސުންގެ ދެމެދުގައި މިވަނީ ފާޑަކަށް ހަނގުރާމަ އިއުލާން ކުރެވިފަ އެވެ.

ކުރީގެ ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ކުރުގޮތަކުން ވޯޓަކާ ނުލާ ވެރިކަމަށް ވަޑައިގަންނަވާށެވެ. ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ވެރިކަމުގެ ބާރުތައް އެހާ ފަސޭހައިން ދޫކޮށް ލައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާހެނެއް ހިޔެއްނުވެ އެވެ. މި ނުތަނަވަސްކަން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ތެރެއިން އާންމުންނާ ހަމަޔަށް އަންނަނީ ތިލަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހުގެ ޖަލްސާތަކުގަ އާއި އެ ނޫން ވެސް އެކިއެކި ޕްލެޓްފޯމްތަކުގައި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ޗެލެންޖް ކުރައްވަމުންނެވެ. ބަރުލަމާނީ ނިޒާމެއް ގައުމަށް ގެނެސް ރައީސުލްޖުމްހޫރިއްޔާގެ ބާރު ކަނޑުވައިލައި، ބޮޑުވަޒީރަކަށް ވެވަޑަގެން، ގައުމު ހިންގެވުމާ ހަވާލުވެ ވަޑައިގަންނަވަން އެމަނިކުފާނު ގެންދަވަނީ ތައްޔާރު ވަމުންނެވެ.

ބަރުލަމާނީގެ އަޑުގަދަވެފައިވާ މިދަނޑިވަޅުގައި ރައީސް ސާލިހަށް ޖެހިވަޑައިގެންފައި މިވަނީ އެމަނިކުފާނުގެ ވެރިކަން ހިމާޔަތް ކުރެއްވުމަށް އާންމުންގެ ތާއީދު ހޯއްދަވާށެވެ. ރިޔާސީ ބަރުލަމާނީ ކެމްޕާން މިހާރު ފެށިފައިވާއިރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެކަމީ ގާތްގަނޑަކަށް ޔަގީން ކަމެކެވެ. ރައީސް ނަޝީދުގެ މިސްރާބު އެމަގަށް ހިފާފައިވާތީ ރައީސް ސާލިހަށް އޮތީ އެ ޗެލެންޖު ކާމިޔާބު ކުރައްވަން ޖެހިވަޑައިގެންފަ އެވެ.

ރިޔާސީ ބަރުލަމާނީ ރޭހުގައި ރައީސް ސާލިހަށް އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެކުގައި މަސައްކަތް ކުރެއްވި ލީޑަރުންގެ ތާއީދު ލިބިވަޑައިގެންނެވުމެވެ. ރައީސް މައުމޫނާއި ގާސިމް އިބުރާހިމްގެ އިތުރުން އަދާލަތު ޕާޓީން ވެސް ސަޕޯޓު ކުރަނީ ރިޔާސީ ނިޒާމަކަށެވެ.

ނިޒާމީ ވޯޓަށް ދިއުމަށް ތައީދު އިތުރުކުރަން ޖެހިފައިވާ މިދަނޑިވަޅުގައި ކެބިނެޓަށް ބޮޑު ބަދަލެއް ގެންނަވަން ރައީސުލް ޖުމުހޫރިއްޔާ ނިންމެވި ނިންމެވުމަކީ ވެސް ކުރިއަށް އޮތް ވާދަވެރި ރޭހަށް ތައްޔާރުވެ ވަޑައިގަތުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށް ފެނެ އެވެ. ރައީސް އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ ބައެއް މިނިސްޓަރުންނަށް އެކަށީގެންވާ ގޮތުގައި މަގާމުގެ ވާޖިބު އަދާނުކުރެއްވޭތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރެގެންނެވެ. ސަރުކާރުގެ ދައުރު ދެބައި ވެފައިވަނިކޮށް ކެބިނެޓަށް ގެންނަވާ ބަދަލުން ރައްޔިތުންނަށް އިތުރު ފައިދާތަކެއް ވާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

ކެބިނެޓަށް ރައީސް ގެންނަވާ ބަދަލުތައް އަދީ ޔަގީން ނުވިކަމުގައި ވިޔަސް އިތުބާރުހުރި ފަރާތްތަކުން ޔަގީންކޮށްދޭ ބައެއް ބަދަލުތަކެއް އެބަހުއްޓެވެ. އެއިގެ ތެރޭގައި ފިޝަރީޒް މިނިސްޓްރީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީއާއި ސައިންސާއި ޓެކްނޮލޮޖީ މިނިސްޓްރީގެ ވެރިން ބަދަލު ކުރައްވާނެ ކަމަށްވެ އެވެ. ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައީސް އޮފީހަށް ބަދަލު ކުރައްވައި އެންވަޔަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒަށް ބަދަލުކުރައްވަން އުޅުއްވާ ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ. ސުވާލަކީ މި ދެމަގާމު މިގޮތަށް ބަދަލު ކޮށްލުމުން ހުވަދު އަތޮޅު މަސްވެރިން ބާނާ 15 ޓަނުގެ މަސް މިފްކޯ އަށް ކިރުވާނެ ހެއްޔެވެ. މަސްވެރިންގެ ޝަކުވާއަކީ އެއީ އެވެ. ހައްލު ކުރެވިއްޖެ ނަމަ ރަނގަޅެވެ.

ސައިންސާއި ޓެކްނޮލޮޖީ މިނިސްޓަރު ކަން ޖޭޕީ އަށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ގާސިމް އިބްރާހިމް ފޮނުއްވެވި ދެ ނަމަށް ރިއާޔަތް ކުރެއްވުމެއް ނެތި އެ މަގާމު އެމްޑީޕީގެ ނަގާކިޔާ ބޭފުޅެއް ކަމަށްވާ މަހުމޫދު ރާޒީއަށް ދެއްވަން ނިންމެވިކަން ވަނީ ގާތްގަނޑަކަށް ކަށަވަރު ކުރެވިފަ އެވެ.

އިންޓަނެޓުގެ ސްޕީޑާއި އަގުގެ މައްސަލަ މިބަދަލުން ހައްލު ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެފައިވާ ގޮތުގައި އިންޓަނެޓުގެ އަގުހެޔޮ ނުވީ އެ މިނިސްޓްރީގައި އެމްޑީޕީގެ މިނިސްޓަރަކު ނެތުމުންނެވެ. އެހެންކަމުން މިފަހަރު އެ މިނިސްޓްރީ ޖޭޕީ އަށް ދެއްވުމުގެ ބަދަލުގައި އެމްޑީޕީއަށް ދެއްވަނީ ނެޓުގެ މައްސަލަ ހައްލު ކުރެއްވުމަށް ކަމަށް ބެލެވެ އެވެ.

ކެބިނެޓަށް ބަދަލު ތަކެއް ގެންނަވައި ސަރުކާރުގެ ހިންގުން ހަރުދަނާ ކުރައްވާނެ ވާހަކަ ސަރުކާރުން ދެއްކި ކަމުގައި ވިޔަސް މިހާތަނަށް ގެންނަން އުޅޭ ބަދަލުތަކަށް ބާލާއިރު ސަރުކާރު ހިންގުމުގެ އެއްވެސް ކަމަކަށް ބަދަލެއް އަންނާނެ ކަމަކަށް ނުފެނެ އެވެ. އޭގެ ބަދަލުގައި ބޯމަތިވަމުން އަންނަ ރިޔާސީ ބަރުލަމާނީ ރޭހުން ކުރި ހޯއްދެވުމަށް ކުރައްވާ މަސައްކަތެއް ކަމަށް ފާހަގަކުރެވެ އެވެ. އެ ކަމަށްޓަކައި ބައެއް ދާއިރާތަކުގެ މަގާމު ބަދަލު ކުރުމުން އެ ދާއިރާތަކާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ވަގުތީ ހައްލެއް ލިބޭނެ އެވެ. މީގެ އިތުރުން މިވަގުތު ސަރުކާރުގައި ބައިވެރިވެގެން ތިއްބެވި ލީޑަރުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް ވެސް މި ބަދަލުގައި ވިސްނަވާފައިވާ ކަމަށް ފެނެ އެވެ. ރައީސް މައުމޫނަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ ކެބިނެޓުގައި ހުންނެވުމުން ފުދޭނެ އެވެ. ގާސިމަށް ނަހުލާ ދުރު ނުކުރާހާ ހިނދަކު މައްސަލައަކަށް ވާނެ ކަމަކަށް ނުފެނެ އެވެ. އަދާލަތުން ބޭނުންވާނީ އިމްރާން އަބްދުﷲ ބާރުގައި ހުރުމެވެ.

ދައުރުގެ މެދުތެރެއަށް އައި އިރު ސަރުކާރަށް މާ ބޮޑު ކަމެއް ކުރެވިފައި ނުވި އިރު ބާކީއޮތް ދުވަސްކޮޅުގައި ކެބިނެޓަށް ބަދަލުތަކެއް ގެނެސްގެން ނަމަވެސް ރައީސް ސާލިހަށް މިއޮތީ ރައްޔިތުންގެ ތާއީދު ހޯއްދަވަން ޖެހިވަޑައިގެންފަ އެވެ. މިފަހަރު އެމަނިކުފާނު ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އިދިކޮޅު ޕާޓީއަކާ ދެކޮޅަކަށް ނޫނެވެ. އަމިއްލަފުޅު ޕާޓީން އެމަނިކުފާނާ ދެކޮޅަށް ނުކުންނަ ބަޔަކާ ދެކޮޅަށެވެ.

ރިޔާސީ- ބަރުލަމާނީ ރޭހުން ކުރި ހޯއްދަވައިގެން ނޫނީ ވެރިކަމުގައި ދެމި ހުންނެވުމަކީ އިބުރާހިމް މުހައްމަދު ސާލިހަށް ނާދިރު ކަމެއްގެ ގޮތުގައި މިހާރު މިއޮތީވެފަ އެވެ. ކެބިނެޓަށް ގެންނަވާ ބަދަލުން އެ ރޭސް ކާމިޔާބު ކުރެއވިދާނެ ހެއްޔެވެ؟