އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ތައާރަފް ކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ކާރުތައް މާލެ ގެންނަން ފަށައިފި އެވެ.
ގެއްލުމުގައި ހިންގާ އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ފަށާ މި ހިދުމަތަށް ފުރަތަމަ ގެންނަން ނިންމީ 60 ކާރެވެ. ސަރުކާރުން ޓެކްސީގެ ހިދުމަތް ފަށާތީ ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ގެންދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ގެންނަނީ ޗައިނާގެ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ލުމިން އަދި S05 އާއި S07 މޮޑެލްގެ ކާރެވެ.
އެމްޓީސީސީން ބުނީ ޓެކްސީ ލައިނަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މި މަހުގެ 29 ވަނަ ދުވަހު ކާރުތަކުގެ ދެވަނަ ޝިޕްމަންޓް ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. ދެވަނަ ޝިޕްމަންޓުގައި ހިމެނެނީ 90 ކާރެވެ.
ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ، އޭޕްރިލް މަހުގެ ދެވަނަ ދުވަހު އެވެ. މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ، އެކަމަށް ހާއްސަކޮށް އުފައްދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އަންނަ މަހުގެ ދެވަނަ ދުވަހު މި ޚިދުމަތް ފެށުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން ރައީސް އިސްނަންގަވައިގެން ޓެކްސީ ކުރުމުގެ ދަތިތަކަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ހޯދުމަށްޓަކައި އެމްޓީސީސީން ގާއިމްކުރާ މާލޭ ޓެކްސީލައިންގައި ބޭނުން ކުރާ ކާރުތައް މިއަދު އޭގެ އެއްބައި މި ގެނެވުނީ. ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސް ތެރޭގައި ދެވަނަ ބައި އައުމާ އެކީގައި މިމަހުގެ ނިމޭ ހިސާބުގައި ނުވަތަ އަންނަ މަހުގެ ދޭއްގައި ރައްޔިތުންނަށް މި ޚިދުމަތް ފެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާ އެ ޚިދުމަތް ފެށުން،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި، ޑްރައިވަރުން ހޯދުމާއި، ތަމްރީނު ކުރުމާއި އަދި މިނޫންވެސް މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
"މި މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި އެމްޓީސީސީން މިއަންނަނީ ފުރިހަމައަށް ތައްޔާރުވަމުން. ޑްރައިވަރުން ހޯދުމާއި، ޑްރައިވަރުން ތަމްރީނު ކުރުމުގެ މަސައްކަތްތަކާއި، ޓެކްސީ ލައިންގައި ބޭނުންކުރާ އެޕްލިކޭޝަން ތައްޔާރު ކުރުމުގެ މަސައްކަތާއި، މި ހުރިހާ މަސައްކަތްތަކެއް ވެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. 24 ގަޑިއިރު މި ޚިދުމަތް ކުރިއަށްދާނެ،" ސައުދީ ވިދާޅުވި އެވެ.
ބިންކޮޅު ސަރުކާރަށް ދޫކޮށްލަން ނުޖެހޭ ގޮތް ހަދަނީ
އީރާނުގެ އިންޒާރާއެކު ހަމަލާ ނުދޭން ޓްރަމްޕް އަންގައިފި
ފުންނާބު ފަޅައިގެން ދިއުމަށް ދެވިދާނެ ގެވެށި ފަރުވާތަކެއް!
