ސޯޝަލްމީޑިއާ މެދުވެރިކޮށް ބަލިމީހުންނަށް އެހީވުމުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަ އިތުރުވަމުންދާތީ، އާންމުން އެކަމަށް ހޭލުންތެރިވުމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު ގޮވާލައިފި އެވެ.
އެ ސެންޓަރުން ބުނިގޮތުގައި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ފޮޓޯ ބޭނުންކޮށް، އެހީއަށް އެދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޖަހާ ޕޯސްޓުތައް ފަހަކަށް އައިސް ވަރަށް ބޮޑަށް ގިނަވެފައިވެ އެވެ. މީގެ ބޮޑު ބައެއް ޕޯސްޓުތަކަކީ ހަގީގީ ބަލިމީހުންނާ އެއްވެސް ގުޅުމެއް ނެތި، ސީދާ ފައިސާ ފޭރުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް އެ ސެންޓަރުން ބުންޏެވެ.
މި ސްކޭމް ހިންގާ ފަރާތްތަކުން ގެންގުޅޭ ގޮތްތައް ވެސް އެ ސެންޓަރުން ވަނީ ތަފްސީލު ކޮށްދީފަ އެވެ. އެގޮތުން ރާއްޖެއިން ބޭރުގެ ވެބްސައިޓްތަކާއި އިންޓަނެޓުން ބަލި މީހުންގެ ފޮޓޯ ވަގަށް ނެގުމާއި، ކުޑަކުދިންނާއި ސީރިއަސް ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ޖަޒުބާތާ ކުޅެލުމާއި، ޕޯސްޓުގައި ޖަހާ ނަންބަރަށް ގުޅީމާ ޖަވާބު ނުދިނުން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.
މިކަމުން ސަލާމަތްވުމަށް، ފައިސާ ޓްރާންސްފާ ކުރުމުގެ ކުރިން އެ ޕޯސްޓުގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ރަނގަޅަށް ބެލުމަށް އެ ސެންޓަރުން އެދެ އެވެ. އެގޮތުން ޕޯސްޓުގައިވާ ނަންބަރަށް ގުޅައި ސީދާ ވާހަކަ ދެއްކުމަށާއި، ފޮޓޯގެ އަސްލު ދެނެގަތުމަށް ގޫގުލް ރިވާސް އިމޭޖު ސާޗު ބޭނުންކުރުމަށް ލަފާ ދީފައިވެ އެވެ. އަދި ސައްހަކަން ޔަގީން ނުކޮށް އެފަދަ ޕޯސްޓުތައް އެހެން މީހުންނާ ހިއްސާ ނުކުރުމަށް ވެސް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަމަލާތައް ހުއްޓާނުލާނަމަ ތެޔޮ ބޭރުކުރަން ހުއްދަ ނުދޭނަން: އީރާން
އަބުބާރު ގްރޫޕްގެ މައްސަލަ ފުލުހުން ބަލަނީ
އިސްލާމް ދީން ގަބޫލު ކުރާނަންތޯ އެހުމުން ގައުރީ ބުނީ ކީކޭ؟