ރޯދަމަހުގެ ފަހު 10 ގައި އުމްރާގެ އަޅުކަމަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނަގައި އެންމެ ފަހު ވަގުތު ދަތުރު ކެންސަލްކުރި އަބްރާރު ގްރޫޕުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ރޯދަ މަހު އުމްރާއަށް މީހުން ގެންދިއުމަށް ގްރޫޕަކުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާއެއް މިމަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ތަހުގީގުކުރިއަށްދާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަބްރާރް ގުރޫޕުގެ ހަވާލުގައި އުމްރާއަށް ފުރުމަށް ހަމަޖެއްސި 110 މީހުންގެ ދަތުރު ކެންސަލްކުރީ މަގުބޫލު ސަބަބެއް ނެތިކަން މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށެވެ. އެހެންވެ، އެ ގުުރޫޕަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އުމްރާގެ އަޅުކަމަށް ދިއުމަށް އެ ގްރޫޕުން މީހެއްގެ އަތުން ނެގީ 45،000ރ. އެވެ. ފުރަން އޮތް ދުވަހުގެ މެންދުރެއްހާއިރު އެ ގްރޫޕުން އަންގާފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައަށް ވާނެ ގޮތެއް ނޭނގޭތީ ފުރުން ކެންސަލްވި ކަމަށެވެ. އެކަމަކު ފައިސާ ދެއްކި މީހުން ބުނީ ރޯދަ އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ވެސް އެ ކުންފުނިން ނަގާފައި ނުވާ ކަމަށެވެ. އަދި ވިސާ ހަމަޖައްސައި ހޮޓަލަށް ވެސް ފައިސާ ދައްކާފައި ނުވާ ކަމަށް އެ މީހުން ކިޔައިދިނެވެ.
އެ މައްސަލަ ފެންމަތިވުމުން އެ ގްރޫޕުން ވަނީ ޓިކެޓު ފައިސާ ކެނޑުމަށް ފަހު ބާކީ ރިފަންޑު މީހުންނަށް ދޭން ފަށައިފަ އެވެ. އެ ގްރޫޕުން ބުނަނީ ޓިކެޓު ނަގައި ހޮޓެލް ބުކިން ވެސް ހަދާފައިވާ ކަމަށެވެ.
އުމްރާ އަށް ނުފުރި ތިބި 164 މީހުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއް ޗާޓަރު ކޮށްގެން ރޭ ވަނީ ފުރުވާލާފަ އެވެ.

ދަރިފުޅަށް ދެ އަހަރު ވަންދެން ދޭ ވަގުތު އިތުރުކުރަން ފާސްކޮށްފި
އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް މޮޖްތަބާ ޚާމަނާއީ
ޣައިރު މުސްލިމެއްގެ ދުލުން ރަމަޟާން މަހުގެ ތަޖުރިބާ!
