މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިކަން ކަނޑައަޅުއްވާފައި ވަނީ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައި ހަނދާ ބެހޭގޮތުން ނެރުއްވާ ބަޔާން އިއްވަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާން ވިދާޅުވީ، ރާއްޖެއަށާއި އިސްލާމީ ބޮޑެތި ގައުމުތަކަށް އިތުބާރު ހުރި ފަލަކީ ހިސާބުތަކުން ހަނދު ފެނިފައިވާކަން ކަށަވަރުވެފައި ވާތީ އާއި ބޮޑެތި އިސްލާމީ ގައުމުތަކަށް ހަނދު ފެނިފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން ހާމަކޮށްފައިވާތީ މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

މިކަން ކަނޑައާޅާފައިވަނީ، ރާއްޖޭގައި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ކަނޑައާޅާފައިވާ އުސޫލުތަކުގެ މަތިން ކަމަށް މިބަޔާނުގައި ވަނީ ބުނެފަ އެވެ.

ރަމަޟާން މަހުގެ ހަނދު ރާއްޖެއަށް ފެންނާނެ ކަމަށް ފަލަކީ ހިސާބުތަކުން ޔަގީންވާތީ، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން ޢިއުލާން ކުރުމުގެ ގޮތުން އެމްއެންޑީއެފްގެ ފަޔަރިން ސްކޮޑުން ވަނީ ބަޑި ޖަހާފަ އެވެ. ރަމަޟާން މަހާއި ގުޅިގެން ސަރުކާރާއި، އަމިއްލަ ފަރާތްތަކުންވަނީ، ރަމަޟާން މަސް ދިރުވާ އާލާކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާފަ އެވެ.