މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވަމުންދާތީ، ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑުދަތުރު ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މައުލޫމާތު ދޭ ގޮތުގައި، އިއްޔެއެކޭ އެއްފަދައިން މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެއެވެ. އެގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މިދުވަސްވަރު އާދައިގެ ވަރަކަށް ކަނޑު މަޑުވި ނަމަވެސް، ވިލާގަނޑުގައި ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގަ އެވެ.
މޫސުން ގޯސްވުމާ ގުޅިގެން ފުލުހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ކަމާބެހޭ އިދާރާތަކުން ނެރޭ މޫސުމީ ސަމާލުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ. އަދި ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް މަޑުޖައްސާލުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފަ އެވެ.
މީގެ އިތުރުން، ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ހުރީ ފުރިހަމައަށްތޯ ބެލުމަށާއި، ދަތުރުކުރާ މީހުން ލައިފް ޖެކެޓް އެޅުމަށް ފުލުހުން ބާރުއަޅުއްވަ އެވެ. ހަމައެހެންމެ، އުޅަނދުތަކަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް ވަނީ ހަނދާންކޮށްދީފަ އެވެ.
ސްކޫލްތަކުގެ ފުރަތަމަ ޓާމްގެ ޗުއްޓީ ނިމި، އަންނަ ހަފުތާގައި އަލުން ކިޔެވުން ފެށޭތީ، މިއީ ގިނަ ބަޔަކު ދަތުރުފަތުރުކުރާނެ ދުވަސްވަރެކެވެ. މެޓް އޮފީހުން މީގެ ކުރިން ވެސް ވަނީ މި ހަފުތާގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.
ނުހައްގު މުއްސަނދިކަން ހުއްޓުވާ ބިލު މަޖިލީހުގައި ތާށިވެފައި!
24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ފުވައްމުލަކަށް: މެޓް
ޔުކްރެއިނުގެ ހަމަލާއަށް ރައްދު ދޭނެ ކަމަށް އީރާނުން ބުނެފި