ބޮލީވުޑްގެ "ޕާފެކްޝަނިސްޓް"ގެ ގޮތުގައި މަޝްހޫރު ވެފައިވާ ތަރި އާމިރު ޚާންއަކީ މުސްލިމެއް ކަމަށާއި އެކަމާ މެދު ފަހުރުވެރިވާ ކަމަށް އޭނާ ބުނެފި އެވެ.

އާމިރުގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ ވާހަކަތަކަށް ރައްދު ދެމުން އޭނާ ވަނީ އޭނާގެ އަގީދާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

އާމިރު ބުނީ އޭނާއަކީ ފަހުރުވެރި މުސްލިމެއް ކަމަށާއި ކީރިތި ރަސޫލާ މުހައްމަދުއް ސައްލަﷲ އަލައިހި ވަސައްލަމްގެ އުއްމަތުގެ މުސްލިމަކަށް ވީތީ އުފާކުރާ ކަމަށެވެ.

މީގެ އިތުރުން ވެސް އާމިރު ވަނީ އޭނާގެ ދީނާއި އޭނާގެ ގައުމީ ނިސްބަތާ ގުޅުމެއް ނުވާ ކަމަށް ބުނެފަ އެވެ. އެގޮތުން މުސްލިމެއްގެ ގޮތުގައި ވެސް އޭނާއަކީ އިންޑިއާގެ ރައްޔިތެއްކަމަށް އޭނާ ބުންޏެވެ.

އެއާއެކު އިންޑިއާގެ އެންމެ ހާއްސަ ކަމަކީ ތަފާތު ދީންތަކާއެކު ވެސް އެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށް އާމިރު ފާހަގަކުރި އެވެ.

އާމިރުގެ ދީނީ އަގީދާއާ ބެހޭގޮތުން މީޑިއާގައި އެކި ކަހަލަ ވާހަކަ ދެކެވޭއިރު އޭނާ ވަނީ 2012 ވަނަ އަހަރު އޭނާގެ މަންމައާއެކު ހައްޖުގެ އަޅުކަން ވެސް އަދާކޮށްފަ އެވެ.