ރަސްމީ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ޖަރުމަނަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޖަރުމަނުގެ ރައީސް ސްޓައިންމަޔާއާ ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން، އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށާއި މި ބައްދަލުވުން ތަކުގައި ރާއްޖެއާއި ޖަރުމަނުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން 'މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ' ހިއްސާކުރައްވައި އެ ޔުނިވާސިޓީގައި ތަގުރީރުކުރައްވާނެ އެވެ.

ޖަރުމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ވެސް ތަގުރީރު ކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސްގެ ދަތުރުފުޅުގައި ޖަރުމަނުގައި ބިޒްނަސް ފޯރަމެއް ބާއްވާނެ އެވެ. އެ ބިޒްނަސް ފޯރަމުގައި ދެ ގައުމުގެ ވިޔަފާރިވެރިން ބައިވެރިވާނެ އެވެ.