ގަސްދުގައި މީހަކު މެރުމުގެ ބޮޑު މައްސަލައެއް ދައުލަތުން އިސްތިއުނާފް ނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ލަސްކުރުމުން އެ މައްސަލަ އިތުރަށް ބެލޭނެކަމާ މެދު ސުޕްރީމް ކޯޓުގައި ސުވާލު އުފައްދައިފި އެވެ.
މަޖީދީމަގާއި އަލިކިލެގެފާނުމަގު ގުޅުނު ސަރަހައްދުގައި 2011، އޭޕްރީލް ގައި، ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ހަމަލާދީ މަރާލި މައްސަލާގައި ގ. ކޯޒީ، ޝަހުމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2014 ވަނަ އަހަރު ހުކުމްކުރި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އޭގެ އެއް އަހަރު ފަހުން 2015 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން 2021 ވަނަ އަހަރު ވަނީ ޝަހުމް މެރުމަށް ހުކުމްކޮށްފަ އެވެ. އަދި އެކަމުގައި ބައިވެރިވި ހުސައިން ޝިމާޒް މުހައްމަދު ސުވާދު 15 އަހަރަށް ޖަލަށްލާން އެ ކޯޓުން ހުކުމްކުރި އެވެ.
ޝަހުމް މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅުމުން ޝަހުމްގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ފާހަގަކުރި އެއް މައްސަލައަކީ އިސްތިއުނާފް މުއްދަތު ހަމަވުމަށްފަހު ވެސް ހައި ކޯޓުން މައްސަލަ ބަލާފައި އޮތުމެވެ.
ޝަހުމްގެ ވަކީލާ ވިދާޅުވީ މައްސަލަ އިސްތިއުނާފްކުރުން ލަސްވީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބުން ލަސްވުމުން ކަމަށް ދައުލަތުން ހައި ކޯޓުގައި ބުނި ނަމަވެސް އެ ރިޕޯޓް ހޯދުމަށް ނުވަތަ އިސްތިއުނާފްކުރަން އެއް އަހަރު ވަންދެން ދައުލަތުން ކުރި މަސައްކަތެއް ބުނެ ނުދެވޭ ކަމަށެވެ.
ނަމަވެސް ހައި ކޯޓުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު, އެގޮތަށް ނިންމި ސަބަބު އެކަށީގެންވާ މިންވަރަށް ބަޔާން ކޮށްފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ޝަހުމާ ދެކޮޅަށް ހުށަހެޅި ހެކިތަކުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން, އޭނާގެ މައްޗަށް ކުށް ސާބިތު ނުވާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ.
އެ މައްސަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު ބައެއް ކަންކަން ސާފު ކުރުމަށާއި އަދި ދެ ފަރާތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށް އިތުރު އަޑުއެހުމެއް ބާއްވާނެކަން އިއުލާން ކުރުމަށްފަހު އެވެ.
ޝަހުމް މަރަން ހުކުމް ކުރުމުގެ ކުރިން 2010 ވަނަ އަހަރު މާފަންނު ޔޫތު ސެންޓަރު ކައިރީގައި އޮންނަ ފުޓްބޯޅަ ދަނޑެއްގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރުވި މައްސަލައެއްގައި ޝަހުމްގެ މައްޗަށް ކުށް ސާބިތުވެ، އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އޮތީ އިއްވައިފަ އެވެ.
"މޭ ހޫން ނާ 2"ގެ މަސައްކަތް ފަށަނީ
ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަނުކޮށްފި
ސަރުކާރުގެ އައިނު ފިހާރައެއް އައްޑޫގައި ހުޅުވައިފި
