އެތައް އަހަރެއްގެ އަނިޔާއަށްފަހު މިހާރު އޭނާގެ އަމިއްލަ އާއިލާ ދެކެ ބިރުގަންނަ ކަމަށް ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ބްރިޓްނީގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ މިވަނީ އަނެއްކާ ވެސް އޭނާއާއި އޭނާގެ އާއިލާއާމެދު އޮތް ނުތަނަވަސް ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ބްރިޓްނީ ބުނީ އެތައް އަހަރެއްގެ މެދުކެނޑުމެއް ނެތް އަނިޔާއަށްފަހު އޭނާއަށް މިއަދާ ހަމައަށް ދިރި ހުރެވުމަކީ ވެސް ލިބުނު ނަސީބެއްގެ ގޮތުގައި އިހުސާސް ކުރެވޭ ކަމަށެވެ.

"އިންސާނުންގެ ގޮތުގައި އަހަރުމެން އެންމެން ވެސް ބޭނުންވަނީ އިންސާނީ ގުޅުންތައް ބަދަހި ކުރުމާއި އެކަނިވެރިކަމުގެ އިހުސާސްތަކުން ދުރުވާން. އާއިލާގެ މީހުން ތިބާ އެކަހެރި ކޮށްލަނީ އެހީތެރިވުމުގެ ގޮތުން ކަމަށް ބުނާ ނަމަ އެއީ ދޮގެއް" ބްރިޓްނީ ބުންޏެވެ.

އެ ޕޯސްޓުގައި ބްރިޓްނީ ވަނީ އޭނާގެ އާއިލާގެ ސަބަބުން ކުރިމަތިވި ނަފްސާނީ ގެއްލުންތަކަށް ވެސް އަލިއަޅުވާލާފަ އެވެ. އެގޮތުން އެކަމުގެ ސަބަބުން އެކަހެރިވުމާއި އެކަނިވެރިކަމުގެ އިހުސާސް ކުރެވި އަމިއްލަ ނަފްސަށް ވެސް އިތުބާރު ކުޑަވި ކަމަށް އޭނާ ބުންޏެވެ.

"މައާފު ކުރެވިދާނެ، އެކަމަކު ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ" ބްރިޓްނީ އޭނާގެ ޕޯސްޓު ނިންމާލަމުން ބުނެފައިވެ އެވެ.

ބްރިޓްނީގެ ރުހުމާ ދެކޮޅަށް އޭނާގެ ގާނޫނީ ބެލެނިވެރިކަން އޭނާގެ ބައްޕައާ ހަވާލު ކުރެވުނީ އޭނާ ވަރަށް ޅަފަތުގަ އެވެ. އޭގެ ދަށުން ބްރިޓްނީގެ ޒާތީ އަދި މާލީ ހުރިހާ ކަމެއް ބެލެހެއްޓީ އޭނާގެ ބައްޕަ އެވެ. 14 އަހަރަށްފަހު އެ ބެލެނިވެރިކަން ނެގީ 2021ގަ އެވެ.