ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައި ނިމިފައިވާއިރު، މާދަމާގެ ނިޔަލަށް އެ ސަރަހައްދު އެއްކޮށް ބަލައި ނިމޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ ދޯނިން ގެއްލިގެން ހޯދަމުން ދަނީ ދޯނީގެ ކައްޕި މުހައްމަދު ހަމްދޫންގެ އިތުރުން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހްމަދާއި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު އެވެ.
އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ހާދިސާ ހިނގި ވަގުތުން ފެށިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގެއްލޭ އުޅަނދާއި މީހުން ވައިގެ މަގުން ހޯދުމަށް ބޭނުންކުރާ ޑްރޯންގެ ބޭނުން ހިފަމުންދާ ކަމަށެވެ. އެއީ އިންފްރާ ރެޑް ސެންސަރުތައް ބޭނުންކޮށްގެން ރޭގަނޑުގެ ވަގުތުތަކުގައި ވެސް ކަނޑުގެ ސަރަހައްދުގައި އެއްޗެއް އޮތް ނަމަ، އެ އެއްޗެއް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ޑްރޯން ބޭނުންކޮށްގެން ކުރި މަސައްކަތުން، ދޯނި އަޑިއަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާ ދިޔަ ގޯންޏާއި ކުނިބުނި ކަމަށް ބެލެވޭ ސާމާނުތަކެއް ވަނީ ދެނެގަނެވިފަ އެވެ. އޭގެ އިތުރުން ކޯސްޓްގާޑުގެ ގިނަ ލޯންޗުތަކާއި ފުލުހުންގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑުގެ ބޮޑު ސަރަހައްދެއް ވަނީ ބަލާފަ އެވެ. އެގޮތުން ހުވަދޫ ކަނޑުގެ ދެކުނުން ގއ. އަތޮޅުގެ ފަރުތަކާއި، ހުވަދޫ ކަނޑުގެ އުތުރުން ލ. އަތޮޅުގެ ފަރުތައް ވެސް ވަނީ ބަލާފަ އެވެ.
އެމްއެންޑީއެފުން ބުނީ މިހާތަނަށް ކުރި މަސައްކަތުން، ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް އަމާޒުކޮށްގެން ހުވަދޫ ކަނޑުގެ ބޮޑު ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށެވެ. އަދި މާދަމާގެ ނިޔަލަށް އެ ސަރަހައްދު އެއްކޮށް ބަލައި ނިންމާލެވޭނެ ކަމަށް ބުންޏެވެ.
މި ހާދިސާގައި ސަލާމަތްވި މީހުން ދީފައިވާ މައުލޫމާތަށް ބަލާއިރު، ދޯނި ފެތެމުންދިޔަ އިރު ދޯނިން ފުންމާލި އެންމެން ވަނީ ސަލާމަތްކުރެވިފަ އެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ދޯންޏަށް އެ ވަގުތު އަރައި ތިބި ކޯސްޓްގާޑުގެ ހާބަ ޕެޓްރޯލް ލޯންޗުގެ ކްރޫއަކާއި، އެމްއެންޑީއެފްގެ އޯގްޒިލަރީ ފަޔަމަނަކާއި، ފުލުހެއްގެ އިތުރުން ދޯނީގައި އެވަގުތު ތިބި ތިން ފަޅުވެރިން ހިމެނެ އެވެ.
ޓްރަމްޕް ޓްރަކްގައި ފިއްލެވުމުން އީރާނުން މަލާމާތް ކުރަނީ
