އައިވަރީ ކޯސްޓުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވެ ކެމަރޫން މުބާރާތުން ކެޓި މެޗުގައި ކުޅިވަރުގެ ރޫހާއި ޚިލާފު އަމަލުތަކެއް ހިންގި ކަމަށް ބުނެ، އެ ގައުމުގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް އަދި ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ސެމިއުލް އެޓޫ ސަސްޕެންޑްކޮށްފިއެވެ.
އެ މުބާރާތުގެ ކުއާޓާފައިނަލުގައި މޮރޮކޯއާއި ދެކޮޅަށް މި މަހުގެ 10 ވަނަ ދުވަހު ކުޅުނު މެޗުން ކެމަރޫން ބަލިވީ 0-2 ގެ ނަތީޖާއިންނެވެ.
އެ މެޗުން ކެމަރޫން ބަލިވެ މުބާރާތުން ކެޓުމާއި ގުޅިގެން އެޓޫ ވަނީ މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފައުޒީ ލެކްޖާ އާ ދިމާލަށް ރުޅިވެރިކަމާއެކު އިޝާރާތްތަކެއް ކޮށްފަ އެވެ.
މެޗުގައި ރެފްރީ ކަންކުރި ގޮތް ގޯސްކަމަށް ބުނެ ވެސް އެޓޫ ޝަކުވާ ކުރި ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.
ފެކަފޫޓް ނަމުން މަޝްހޫރުވެފައިވާ ކެމަރޫން ފުޓުބޯޅަ ފެޑެރޭޝަނުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) ގެ ޑިސިޕްލިނަރީ ކޮމިޓީން އެ ފެޑެރޭޝަނުގެ ރައީސް ހަތަރު މެޗަށް ސަސްޕެންޑްކޮށް 20،000 ޑޮލަރުން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް ކެފް ގެ ޑިސިޕްލިނަރީ ކޮމިޓީން އެޓޫ އަށް އެފަދަ ބޮޑު އަދަބެއް ދޭން ނިންމާފައިވާއިރު، އެ ނިންމުމުގައި "ސާފު އެއްވެސް ހެއްކެއް ނުވަތަ ސަބަބެއް ބަޔާންކޮށްފައި ނުވާ" ކަމަށް ފެކަޓޫ އިން ބުންޏެވެ.
ފެކަޓޫން ނެރުނު ބަޔާނުގައި ބުނީ އެޓޫ އާއި މެދު ފިޔަވަޅު އަޅަން ނިންމައި ޖޫރިމަނާކޮށްފައި ވަނީ އެއް ވެސް ހެއްކެއް އަދި ގަރީނާއެއްގެ މައްޗަށް ބިނާކޮށް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
" އެޓޫގެ އެ ނިންމުމަށް ވާސިލުވުމަށް އަމަލުކޮށްފައިވާ އަވަސް އިޖުރާއަތްތަކަކީ އިންސާފުވެރި ޝަރީއަތެއްގެ އަސާސީ މިންގަނޑުތަކާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް ކަމަށް ފާހަގަކުރަން،" ފެކަޓޫން ބުންޏެވެ.
ކެފް އިން ހޯމަ ދުވަހު ބުނީ ކެމަރޫން އާއި މޮރޮކޯ، އަދި އަލްޖީރިއާ އާއި ނައިޖީރިއާ ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުތަކުގައި ވެސް މިފަދަ ކުޅިވަރުގެ ރޫހާއި ޚިލާފު ކަންކަން ހިންގާފައި އެބަހުރިކަމަށާއި އެކަންކަން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މޮރޮކޯ އާއި ކެމަރޫން ބައްދަލުކުރި މެޗުގައި ހިނގި ވަކި ހާއްސަ ހާދިސާއެއްގެ ވާހަކަ ކެފް އިން ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ މެޗުގައި ފާހަގަކުރެވުނު ހަމައެކަނި ކަމަކީ، މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފައުޒީ ލެކްޖާ އާ ދިމާލަށް އެޓޫ ރުޅިވެރިކަމާއެކު އިޝާރާތްތަކެއް ކުރަނިކޮށް ފެނުނު ފެނުމެވެ. އެ ވަގުތު ކެފްގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ވެސް ކައިރީގައި އިންނެވި އެވެ.
ކެފް ގެ މި ނިންމުމާ ގުޅިގެން ފެކަޓޫއިން ބުނެފައި ވަނީ ކޮންމެ ގޮތަކަށް ކަން ކުރި ނަމަވެސް އެ ފެޑެރޭޝަނުގެ ރައީސަށް އޮތް ފުރިހަމަ ތާއީދާއި އިތުބާރު އޮންނާނޭ ކަމަށާއި، އިތުބާރު ހުރި ޑިސިޕްލިނަރީ އިންސާފުގެ އުސޫލުތައް ނެގެހެއްޓުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
މިއީ މިފަދަ އަދަބެއް އެޓޫއަށް ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2011 ވަނަ އަހަރު ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް އެޓޫ އިންތިޚާބުވި ފަހުން 2024 ވަނަ އަހަރު ކޮލަމްބިއާގައި ބޭއްވި 20 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް މުބާރާތުގައި ކެމަރޫން އާއި ބްރެޒިލް ބައްދަލުކުރި މެޗެއްގެ ތެރެއިން ކުޅިވަރުގެ ރޫހާއި ޚިލާފު އަމަލުތަކެއް ހިންގި ކަމަށް ބުނެ ހަ މަސްދުވަސް ވަންދެން ކެމަރޫން ކުޅޭ ބައިނަލްއަގުވާމީ އެއްވެސް މެޗުތަކަށް ވަނުން އެޓޫ އަށް މަނާކުރި އެވެ.
އާޓާމިނަލް ހިމެނޭހެން އެއާޕޯޓުން ކަރަންޓު ކެނޑިއްޖެ
ވެރިމީހާގެ ހުރިހާ މުދަލެއް ބުޅަލަކަށް؟
ނިމިގެން ދިޔައީ ތާރީޚުގައި ވެސް އެންމެ ރަނގަޅަށް ދިޔަ އިންތިޚާބު