އިމިގްރޭޝަންގެ އޮފިސަރުންތަކަކާ ގުޅިގެން ރާއްޖެއަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުން ދިޔަ ބިދޭސީއަކާއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށްފަހު އެ މީހާއަށް ބޮޑެތި ލުއިތަކެއް ދައުލަތުން ދީފި އެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިންގެ މައްޗަށް ދައުވާކުރީ ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ރެކްރޫޓްކޮށް، ވޯކް ވިސާ ހަމަޖައްސަން ސިސްޓަމް ގަވާއިދާ ހިލާފަށް ބޭނުން ކުރުމާއި ވަޒީފާދޭ ކުންފުނިތަކުގެ މަންދޫބެއްގެ ގޮތުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވެ, އެކަމުން އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައި, އޭނާގެ އެކައުންޓްތަކަށް ޖަމާކުރި މައްސަލާގަ އެވެ.

އެ މައްސަލާގައި ޝަހާދަތުގެ މައްޗަށް ކުރި ދައުވާތަކަށް އޭނާ އިއުތިރާފްވުމުން، އަދަބުތައް ލުއިވާ ގޮތަށް ދައުލަތުން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އެ ދައުވާތަކުގެ އަދަބު ލުއި ކުރުމުގެ އިތުރުން ބައެއް ދައުވާތައް އަނބުރާ ގެންދަން ވެސް ދައުލަތުން އެއްބަސްވި އެވެ.

އޭނާގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ އަސްލު އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 10،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނަމަވެސް ދައުލަތުން ހެދި އެއްބަސްވުމުގެ ދަށުން އެއްބަސްވެފައިވަނީ އޭނާގެ އަދަބު ދެ އަހަރާއި ހަ މަހަށް ކުޑަކޮށް އަދި ޖޫރިމަނާ ވެސް 53،400 ރުފިޔާއަށް ކުޑަ ކުރުމަށެވެ.

ޝަހާދަތުގެ މައްޗަށް ކުރި ރިޝްވަތު ދިނުމުގެ ދައުވާއަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނަ ދައުވާއެއް ނަމަވެސް ދައުލަތުން ވަނީ އެ އަދަބު ވެސް ހަ މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު 21،600 ރުފިޔާގެ ޖޫރިމަނާއަކަށް ދަށްކުރަން އެއްބަސްވެފަ އެވެ.

އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން ބާކީ ތަންފީޒު ކުރަން ޖެހެނީ ވެެސް އެއް އަހަރާއި ހަތް މަހާއި 12 ދުވަހެވެ. އެގޮތަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ހަފުތާގަ އެވެ.

އެހެން ނަމަވެސް އޭނާ ގަވާއިދާ ހިލާފަށް އެކައުންޓްތަކުގައި ގެންގުޅުނު އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގާފައެއް ނުވެ އެވެ