ގަވާއިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އަމާޒުކޮށް ތަންފީޒީ އިދާރާތައް ގުޅިގެން ފަށާފައިވާ އޮޕަރޭޝަންގައި ހުއްދަ ނުނަގާ ދުންފަތުގެ ބާވަތްތައް ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފި އެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ވިއްކޭނީ ވަކި ލައިސަންސެއް ނަގައިގެންނެވެ. މި ލައިސަންސް ނަގަންޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތުގެ ބާވަތްތައް ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފައި މިވަނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ޓްރޭޑް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ފަށާފައިވާ މަސައްކަތުގެ ދަށުންނެވެ. މި އޮޕަރޭޝަންގައި ހަ ތަނެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. މީގެ ތެރެއިން ބަންދުކޮށްފައި މިވަނީ ހުއްދަ ނުނަގާ ދުންފަތުގެ ބާވަތްތައް ވިއްކަމުން ދިޔަ ތަނެކެވެ.
މި އޮޕަރޭޝަންގައި ބިދޭސީން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ކަމަށް ބެލެވޭ ތަންތަނުގެ މައުލޫމާތު ހުށަހެޅުމަށް އެދިފައިވެ އެވެ. މިގޮތުން މިހާތަނަށް މިފަދަ 100 އެއްހާ ތަނުގެ މައުލޫމާތު ރިޕޯޓްކޮށްފައިވާ ކަމަށް ޓްރޭޑް މިނިސްޓްރީން ބުނެ އެވެ.
އެގޮތުން ހުޅުވާލި ފުރަތަމަ 2 ދުވަހުގެ ތެރޭގައި 41 މައްސަލަ ހުށައަޅާފައިވެ އެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޭޝަނަލް ޓާސްކް ފޯހެއް އުފައްދައިފަ އެވެ. އަދި ރިޕޯޓު ކުރަމުންދާ ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަން ވެސް ޓްރޭޑް މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން ޓްރޭޑް މިނިސްޓްރީން ފާހަގަކުރެ އެވެ.
އެ މިނިސްޓްރީން ވަނީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފަ އެވެ. އެ ލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެ އެވެ.
ނިދާތަނުގައި ކުރުނބާ ފަނި ތައްޔާރުކޮށް ވިއްޔާ ބިދޭސީން ހައްޔަރަށް
ތައިރޮއިޑް ބައްޔަށް ކެއިންބުއިމުން ވެސް ލުއި ހޯދޭނެ!
10 އަހަރަށްފަހު ރަންބީރުއާއި ދީޕިކާ އެކުގައި ފެންނަނީ!