ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވިޔަފާރި ހިންގަން ލ. ފޮނަދޫގައި ހުންނަ އާއިލީ ގޮތުން ގުޅުން އޮންނަ ގާތް މީހަކަށް ރައީސް މުހައްމަދު މުއިއްޒު ސިޔާސީ މަގާމެއް ދީފައިވާކަން އެނގިއްޖެ އެވެ.
ފޮނަދޫން ހަގީގަތް އެނގޭ މީހަކު "ހުރިހާ" އަށް ބުނިގޮތުގައި އަބްދުއްރަހީމްގެ އަރަފާ ޓްރޭޑާސް ހިންގުމުގައި އުޅޭ ފަތުހުﷲ ޖަމީލަށް ދީފައި ވަނީ އާއްމުކޮށް މި ސަރުކާރުން އެންމެ ގިނައިން ބަހާ ސިޔާސީ އެއް މަގާމު، ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމެވެ.
ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މުސާރައަކީ 25،000ރ. އެވެ. ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މުސާރައަކީ 20،000ރ. އެވެ.
ފަތުހުﷲ ރަށުގައި އަބަދުވެސް އުޅެނީ އަބްދުއްރަހީމްގެ ވިޔަފާރި ހިންގުމުގައި އޮސްކޮށެވެ. އެގޮތުން ރަށުގައި ހިންގާ އަބްދުއްރަހީމްގެ ހުރިހާ ވިޔަފާރިއެއް ވެސް ބަލަހައްޓަނީ އޭނާ އެވެ. ފަތުހުﷲ އަކީ އަބްދުއްރަހީމްގެ އަނބިކަނބަލުން، ދިޔާނާ ހުސެއިންއަށް ބޮޑުދައިތަ ކިޔާ މީހެކެވެ.
ބީލަމަށް ނުލައި ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ ތެރޭގައި އޭނާގެ ނަމުގައި އޮންނަ، އެފްޖޭ ޑިޒައިން އަސް ހަތް ރަށެއް ޕޮލިސް ސްޓޭޝަން، 17.5 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެވެ.
އެފްޖޭއަކީ އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާ ވެސް ނެތް، އަދި ކޮންޓްރެކްޓަރުންގެ ދަފުތަރުގައި ވެސް ނެތް ބައެކެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. ގައި އޮތީ ވަޒީރުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ މަގާމުތަކަށް، މީހުން އައްޔަންކުރެވޭނެ ކަމަށެވެ. ނަމަވެސް ޒިންމާއެއް ނެތި މި ސަރުކާރުން ވަނީ ސިޔާސީ މަގާމުތަކަށް ގިނަ މުވައްޒަފުން އައްޔަންކޮށްފަ އެވެ.
ނިިޔަފަތިތަކުން އަންގައިދޭ ސިއްހީ މައްސަލަތައް!
ޑެނިއަލްއާއި އެމާއަށް މައާފު ނުކުރަން ރޯލިން ނިންމީ ކީއްވެ؟
ތައިބާ މިސްކިތާއި އައްޑޫ މިސްކިތަށް ގެއްލުންދިން މައްސަލަ ބަލަނީ