ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ އަތްދަށުގައި އޮތް ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ކުރެއްވި ދައުވާތަކަށް ރައްދު ދެއްވައި، އެމެރިކާއިން އެ ކަނޑުއޮޅިއާ މެދު އިތުރު ބޮޑު ގޯސް އަންދާޒާއެއް ނުވަތަ މިސްކެލްކިއުލޭޝަން އެއް ނަގަމުންދާ ކަމަށް ބުނެ އިރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަރަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އަރާގްޗީ ވިދާޅުވީ، އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކަށް މީގެ ކުރިން ވެސް ވަނީ އިރާނާ ގުޅޭ ގޮތުން ގޯސް މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމިފައި ކަމަށެވެ. އަދި މިހާރު ހޮރްމުޒް ކަނޑުއޮޅިއާ މެދު އެމެރިކާއިން އެއަށްވުރެ ބޮޑު ގޯހެއް ހަދަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ދޮގު ހަބަރަށްވުރެ ސައްހަ ނޫން (ދޮގު) އިންޓެލިޖެންސް މައުލޫމާތު މާ ނުރައްކާތެރި. ވިސްނައިގެން އުޅޭ!" އަރާގްޗީގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މި ރައްދު އިރާނުން ދީފައި ވަނީ ހޮރްމުޒް ކަނޑުއޮޅީގައި އެމެރިކާގެ ނޭވީގެ ބާރު ވަރުގަދަކޮށް "ދަގަނޑު ފާރެއް" ފަދައިން ހަރަކާތްތެރިވަމުންދާ ކަމަށާއި، އެ ކަނޑުއޮޅީގެ މައްޗަށް އެމެރިކާގެ "ފުރިހަމަ ކޮންޓްރޯލް" އެބައޮތް ކަމަށް ޓްރަންޕްގެ 'ޓްރޫތު ސޯޝަލް' ގައި ވިދާޅުވުމާ ގުޅިގެންނެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ މި މުހިންމު ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައި ކަމަށާއި، އިރާނުގެ ޝަރުތުތަކަށް އެމެރިކާއިން އެއްބަސްނުވާނަމަ އެތަން އަލުން ނުހުޅުވާނެ ކަމަށް އިރާނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން "ބޭންކް ފަންޑް" ލިބޭ ޖަމިއްޔާތައް ހޮވައިފި