އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާނާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ފަރުހާދު ފިކުރީގެ މައްޗަށް ކުރެވޭ ގިނަ ތުހުމަތުތަކެއްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ އެ ކޮމިޓީއަށް ހުށަހެޅީ ޗީފް އިންސްޕެކްޓާ އަށްވުރެ މަތީ ރޭންކުތަކުގެ 11 ފުލުހުންގެ ފަރާތުން ކާކުކަން ނޭނގޭގޮތަށެވެ.
ކޮމިޓީއަށް ހުށަހެޅި މައްސަލާގައި ވަނީ ޝިފާން އާއި ފަރުހާދުގެ ކިބައިން ފެންނަމުން އަންނަ ގާނޫނާއި ގަވާއިދާ އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަންކަމުގެ ސަބަބުން މުއައްސަސާގެ ހުރުމަތާއި ކަރާމާތަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ނުރަނގަޅު ނުފޫޒާއި، ގާނޫނާއި ހިލާފު އަމަލުތަކުގެ ސަބަބުން މުއައްސަސާގެ ސީނިއާ ލީޑާޝިޕްގެ މެދުގައި މަސްލަހަތު ގެއްލި، އެއްވެސް ބަދަހިކަމެއް ނެތި މުއައްސަސާގެ ކަންކަން ދުވަހުން ދުވަހަށް ބޮއްސުން ލައިގެން ދާކަން ފާހަގަ ކުރެވޭ ކަމަށް ވެސް އެ މައްސަލާގައިވެއެވެ.
އެ ކަންކަމުގެ ސަބަބުން ގާނޫނު އަސާސީ އާއި ގާނޫނު ތަކުން ފުލުހުންގެ މުއައްސަސާއާ މަތިކޮށްފައިވާ ޒިންމާ އާއި ވާޖިބުތައް އަދާކުރުމަށް މުއައްސަސާ ނުކުޅެދި، ފެއިލްވެ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ސަލާމަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
ހުށަހެޅި މައްސަލައާއެކު ޝިފާން އާއި ފަރުހާދުގެ ފަރާތުން ހިނގާފައިވާ އަދި މިހާރު ވެސް ހިންގަމުން އަންނަ ގާނޫނާއި ގަވާއިދު އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަންކަމުގެ މައުލޫމާތުގެ މައްޗަށް އެކުލަވާލެވިފައިވާ ދެ ރިޕޯޓެއް ވަނީ އެޓޭޗްކޮށްފައިވެ އެވެ.
ޝިފާނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ފުލުހުންގެ ސީނިއާ އޮފިސަރުންތަކެއް ފްރޭމް ކުރަން އުޅުމާއި، ޖިންސީ ފުރައްސާރަކުރުން ހިމެނޭހެން ގިނަ ތުހުމަތުތަކެއް ހިމެނެ އެވެ.
ފަރުހާދުގެ ދަރިފުޅުގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅޭ ހެކިތައް ނައްތާލި ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ފަރުހާދު ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ލަފާ ދީފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެ މައްސަލަތައް ބަލައި އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް އެ މައްސަލާގައި އެދިފައިވެ އެވެ.
ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް އެއްކޮށް ނުނިމެނީސް ހުޅުވައިފި
"އަލްވަދާއު"ގެ ޓްރެއިލާ ނެރެފި
"ހަނިމާދޫ އެއާޕޯޓް ބާރު ދުވެލީގައި ނިންމަންވީ ވައުދު ފުއްދިއްޖެ"
