އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ބިޔަ މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިިޓީގެ ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުދި ކުދި ކަންކަން ކޮށްގެން އައްޑޫގެ ކަރަންޓް މައްސަލަ ހައްލުވާކަށް ނެތް ކަމަށެވެ.
"[ކަރަންޓު ކެނޑޭ މައްސަލަ] ހައްލުކުރުމުގައި ކުދިކުދި ކަންކަން ކޮށްގެން ވާން އޮތް ކަމެއް ނޫން އެއީކީއެއް. މިއަދާ ހަމައަށް އަޅުގަނޑުމެންނަށް އަށެއްކަ ޖެން ސެޓު ގެނެވިއްޖެ. އެހެން ނަމަވެސް އަދިވެސް މުޅިން މި ކަމަކަށް ހިތްހަމަޖެހޭ ވަރުގެ ހައްލެއް ނާދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިމެނޭހެން އައްޑޫ ސިޓީގައި ހިމެނޭ ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫގެ ކަރަންޓުގައި، 30 މެގަވޮޓުގެ ކެޕޭސިޓީ ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި މި ޕްރޮޖެކްޓާ އެކީ، އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ، ވަށާޖެހޭ ހައްލެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ އެ މަސައްކަތް ހަވާލުކުރެވި، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމަ ވީހާ ވެސް އަވަހަކަށް ޖަނަރޭޓަރުތަކާއި ޕަވާހައުސް އަޕްގްރޭޑު ކުރުމާއި، މިހެން ހުރި ހުރިހާ ކަމެއް. އަދި މިހާރު ހުރި ސެޓަޕުގެ ތެރޭގައި ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކުރުމަށް،" މުއިއްޒު ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބާ ދިމާކޮށް ވެސް މިފަދަ މަޝްރޫއެއް ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުރި އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އަމަލީ މަސައްކަތް ނުފެށެ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި 16 މަޝްރޫއެއް ހިންގަން އެކި ކުންފުނިތަކާ މިރޭ ވަނީ ހަވާލުކޮށްފަ އެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫއުތައް
- ފޭދޫގައި ހިއްކާފަައި އޮތް ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުން
- ފޭދޫގައި 50 ހައުސިން ޔުނިޓު ތަރައްގީކުރަން ހަވާލުކުރުން
- ފޭދޫގައި އިސްރަށްވެހިންގެ ހިޔާއެއް ގާއިމުކުރުމުގެ މަސައްކަތް
- ފޭދޫގައި ނެޓުބޯޅަ ކޯޓެއް ތަރައްގީކުރުމުގެ މަސައްކަތް
- މަރަދޫފޭދޫގައި ފަތާ ޓްރެކެއް އެޅުމުގެ މަސައްކަތް
- މަރަދޫގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް
- މަރަދޫގައި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް
- މަރަދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
- ޝަރަފުއްދީން ސްކޫލާއި މަރަދޫ ސްކޫލުގެ މަލްޓި ޕާޕަސް ހޯލު ތަރައްގީކުރުމުގެ މަސައްކަތް
- ހިތަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް
- ހިތަދޫގައި އާ ސެންޓްރަލް ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް
- އައްޑޫ ސިޓީގައި ވަގުފު އިމާރާތެއް އެޅުމުގެ މަސައްކަަތް
- އައްޑޫ ސިޓީގައި 300 އެނދުގެ އައްސޭރި ޓޫރިޒަމް މަޝްރޫއެއް ހިންގުމުގެ މަސައްކަތް
އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފި
ފުވައްމުލަކު ފެން ތަޣައްޔަރުވެފައިވާކަމުގެ ޝަކުވާ ރައީސަށް!
ހިތަދޫ ފްލެޓަކުން ކުއްޖަކު ވެއްޓިގެން ފަރުވާދެނީ
