މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް އޭނާގެ ބައިވެރިޔާ ބެނީ ބްލޭންކޯއާ ވަރަށް އަވަހަށް ކައިވެނި ކޮށްފާނެ ކަމުގެ އިޝާރާތެއް އޭނާ ދީފި އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކައިވެނީގެ ކަންކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ބުނަމުން ސެލީނާ ވަނީ ކައިވެނީގެ ބައެއް ކަންކަން ހިއްސާ ކޮށްފަ އެވެ.

އެގޮތުން ކައިވެނީގައި އޭނާ ބޭނުން ކުރާނެ ހެދުމުން ފެށިގެން ކުރާނެ މޭކަޕްއަށް ދަންދެން ޚިޔާލު ހޯދައި ޕިންޓްރެސްޓްގައި ފައިލް ކޮށްފައި ހުންނާނެ ކަމަށް ސެލީނާ ބުންޏެވެ.

އޭގެ އިތުރުން ބެނީއާއެކު އޭނާ އަލަށް ހޯދާފައިވާ ގޭގެ ކަންކަން ކުރިއަށްދާ ގޮތާ ބެހޭގޮތުން އޭނާ ބުނީ އޭނާއަށް ކަމުދާ ގޮތްގޮތާއި ބެނީއަށް ކަމުދާ ގޮތްތައް އެއްކޮށްގެން ގޭގެ އިންޓީރިއާ ފަރުމާ ކުރަމުން އަންނަ ކަމަށެވެ.

ބެނީއާއި ސެލީނާއާ ދެމެދު އޮތް ގުޅުމާ ބެހޭގޮތުން ސެލީނާ ބުނީ މީގެ އަހަރުތަކެއް ކުރިން އޭނާއަކީ ބެނީއަށް އެންމެ ރަނގަޅު ބައިވެރިޔާއަށް ނުވާނެ ކަމަށާއި ދުވަސްތަކާއެކު އޭނާއަށް ވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އުމުރުން 16 އަހަރުން ފެށިގެން އެކުގައި އުޅެމުން އަންނަ ބެނީއާއި ސެލީނާ އެންގޭޖް ވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.