ޑޮކްޓަރުކަން ކިޔަވަން ރާއްޖެއިން ބޭރަށް ދިޔަ ދަރިވަރުންތަކަކަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ނަގައި ކޯސް ކުރިއަށް ނުގެންދެވި އެނބުރި އަންނަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި ބޮޑު ސްކޭމްގެ ތުހުމަތު ކުރެވިފައި ވަނީ ރާއްޖޭގެ އެޖެންސީއެއް ކަމަށްވާ ޒީޑް އިންޓަނޭޝަނަލް އަށެވެ. އެ އެޖެންސީން މި ސްކޭމްގައި، 10،000 ޑޮލަރު ދައްކަން ޖެހޭ ޓިއުޝަން ފީ އަށް، ބައެއް ދަރިވަރުންގެ އަތުން 40،000 ޑޮލަރު ނެގި އެވެ.
މި ސްކޭމްގައި ޖެހިފައި ވަނީ ސްރީ ލަންކާ އާއި މެލޭޝިއާ އާއި ފިލިޕީންސަށް ދިޔަ ފަރާތްތަކެކެވެ. އޭގެތެރޭގައި ޑޮކްޓަރުކަން އަލަށް ކިޔަވަން ދިޔަ މީހުންނާއި ސްޕެޝަލައިޒްވާން ދިޔަ މީހުން ހިމެނެ އެވެ.
އޭގެތެރެއިން އެއް ގައުމުން ވަނީ ކިޔަވަންދިޔަ ދަރިވަރިން ޑީޕޯޓްކޮށްލާފަ އެވެ.
ޒީޑް އަކީ ރާއްޖޭގައި 2023 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ކްރިކެޓް ބޯޑު މެމްބަރު އަބްދުﷲ އިމާދް އިސްމާއިލް އާއި މުހައްމަދު ރާއީ އިމާދުގެ އިތުރުން އައިމިނަތު ޝަހީދާ ކިޔާ މީހެކެވެ.
ނަމަވެސް އެ ސްކޭމަކީ ސީދާ އެމީހުންގެ ބައިވެރިވުން އޮތް ކަމެއް ކަމެއް އަދި ނޭނގެ އެވެ.
މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްޗެއް ބުނެފައެއްނުވެ އެވެ.