ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންހްގެ ލައިވް ކޮންސެޓެއް ކުރިއަށް ދަނިކޮށް އެ ކޮންސެޓު އޮތް ސްޓޭޑިއަމުން ކަރަންޓު ކަނޑާލައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މީގެ ދެ ދުވަހެއް ކުރިން އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބޭއްވި އެ ކޮންސެޓް ހުއްޓުވާލީ އެ ސަރަހައްދުގެ ކާފިއު ގަޑި ޖެހުނުއިރު ވެސް ކޮންސެޓް ނުނިމުމުންނެވެ.
ކޮންސެޓު ނިންމަން ދީފައި އޮތް ގަޑި ކަމަށްވާ ރޭގަނޑު 10:30 ވީއިރު ވެސް އަރިޖީތު އޭނާގެ ހުށައެޅުންތައް ކުރިއަށް ގެންދިޔަ ކަމަށާއި އިތުރު ވަގުތު ދިނުމަށް އެދެމުން ދިޔަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެހެން ނަމަވެސް އެ ސްޓޭޑިއަމުން ވަނީ އޭނާގެ އެ ހުށައެޅުމަށް ނުބަލާ ކާފިއު ވަގުތު ޖެހުމުން މުޅި ސަރަހައްދުން ކަަރަންޓު ކަނޑާލާފަ އެވެ.
ބުނެވޭ ގޮތުގައި ސްޓޭޑިއަމުން ކަރަންޓު ކަނޑާލީ އަރިޖީތުއަށް އެއްވެސް ގޮތަކަށް އަންގާނުލައި ކޮންސެޓު ރަނގަޅަށް ނިންމާލުމުގެ ފުރުސަތު ވެސް އޭނާއަށް ނުދީ އެވެ.
މިއާއެކު އެއްބަޔަކު އަރިޖީތުގެ ދިފާއުގައި ވާހަކަ ދައްކަމުން އަންނައިރު އަނެއްބަޔަކު ބުނަނީ ބޭރު ގައުމެއްގައި އުޅޭއިރު އެ ގައުމެއްގައި އޮންނަ އުސޫލުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށެވެ.
އަރިޖީތުއަކީ ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާއަށް ވާއިރު އޭނާގެ ލަންޑަން ކޮންސެޓަށް ގިނަ ބަޔަކު ގޮސްފައިވެ އެވެ.