ގއ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ ކޮލަމާ ބޯޓު ރޭގެ ވަގުތެއްގައި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނުއިރު، ކެޕްޓަން މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެ ބޯޓުގެ ކެޕްޓަނަކީ ބޯޓުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮލަމާފުށީ، ދޮންވެލި، އާދަމް ސައީދު،66، އެވެ.
ކޮލަމާ ބޯޓު ގެއްލުނީ ލ. މާމެންދޫން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ.
ފުލުހުން ބުނީ ކޮލަމާ ބޯޓު ގެއްލުނު ކަމުގެ ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:25 ހާއިރު ކަމަށެވެ. އެ ބޯޓު މިހާރު ފެނިފައިވާ ކަމަށާއި ބޯޓު ފެނިފައިވަނީ ގއ. ވިލިނގިލީ ކައިރީ އޮންނަ އެކެފަރު ސަރަހައްދުން ކަމަށެވެ.
އާދަމް ސައީދު ގއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. އާދަމް ސައީދު ފިޔަވައި ބޯޓުގައި ތިބީ ބިދޭސީންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.