ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް ނޯންނަގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް ފާސްކުރަން އަންގާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހދ. ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު އެއްވެސް ޝައުގުވެރިކަމެއް ހުންނަ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ، އަޅުގަނޑު އެއްވެސް އިރެއްގައި ކުރި ކަމެއްވެސް ނޫން، ކުރާނެ ކަމެއްވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ބިލަކީ އަމިއްލަ މެންބަރަކު ހުށަހެޅި ބިލެއް ކަމަށެވެ. އެ ބިލްގައި ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް އޮންނަގޮތަށް ބިލް ފާސްކުރަން ބޭނުންނުވާ ކަމަށް ޕީއެންސީގެ މަޖިލިސް މެންބަރުން ދަންނަވާފައިވާ ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި މިހާރު އަމިއްލަ މެންބަރަކު އެބަ އޮތް މީޑިއާ ބެހޭ ބިލެއް ހުށަހަޅާފައި، ސަރުކާރުގެ ޕާޓީގެ މެންބަރުންނަށް އަަޅުގަނޑު މިހާރު ވާނީ ދަންނަވާފައި އަޅުގަނޑުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް މިކަން ކުރާކަށް ބޭނުމެއް ނޫނޭ، އެ ބިލްގައި ހުށަހަޅާފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރެކޭ އެ ބިލް ފާސްވެގެން ގާނޫނަކަށް ވަންޏާ، ވައިރުގައި އުފެދޭ ކޮމިޝަންގެ ރައީސަކަށް ހުންނާނީ. މިގޮތަށް އަޅުގަނޑެއް މިކަމެއް ނުކުރާނަން، އަޅުގަނޑު މިހާރު ދަންނަވާފައި ވާނީ، އެ އިސްލާހް ކުރާ މަރުހަލާއަކަށް ގޮސްފިނަމަ އިސްލާހް ކުރާއިރުގައި އެ އުފެދޭ ކޮމިޝަންގެ ތެރެއިން ކޮމިޝަނުން ވޯޓުލައިގެން ނަގާ މީހެކޭ ރައީސަކަށް ވާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެއްވެސް ވަރަކަށް މީޑިއާއަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި މީޑިއާ ވާން ޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓް ކުރެވޭނެ ބަޔަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ވަރަކަށް އަޅުގަނޑުގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެއްވެސް ކަމެއް އަޅުގަނޑު ބޭނުމެއް ނޫން މީޑިއާގެ ރެގިއުލޭޓް ކުރުމުގައިވެސް އަދި ބެލެހެއްޓުމުގައިވެސް އޮންނާކަށް، އަޅުގަނޑު ދެކޭ ގޮތުގައި އޮންނަންވާނީ ފުރިހަމަ މިނިވަންކަން އޮންނަ ގޮތަށް،". ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވިދާޅުވިޔަސް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެ ބިލް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އެންގެވުމަކަށެވެ. އެ ބިލް ޑްރާފްޓްކުރީ ވެސް ނާޒިމްގެ ބެލުމުގެ ދަށުންނެވެ. އަދި އެ ބިލް ހުށަހެޅުމުގެ ކުރިން ނާޒިމް ވަނީ ރައީސް މުއިއްޒާ ވެސް އެކަން ހިއްސާކޮށްފަ އެވެ.

މީގެކުރިން ވެސް ސަރުކާރުން ވަނީ ހަންނާނުލައްވައި އެފަދަ ބިލެއް ހުށަހަޅާފަ އެވެ. ނަމަވެސް އެ ބިލަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވި ހިސާބުން ހަންނާނު ވަނީ އެ ބިލް އަނބުރާ ގެންދަވާފަ އެވެ. އެކަމަކު އޭގެކުރިން އޭނާ ވިދާޅުވަމުންގެންދެވީ އެ ބިލް އަނބުރާ ނުގެންދަވާނެ ކަމަށެވެ. މިކަމުން ވެސް މިއީ ސަރުކާރު އަޑީގައި އޮވެގެން ކުރާ ކަމެއްކަން ހާމަވެ އެވެ.