2008 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި އަނުޝްކާ ޝަރްމާއަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ މަގުބޫލުކަން ހޯދައި އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދި ފަންނާނެކެވެ.
އަނުޝްކާއާ ބެހޭގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވިފައިވާއިރު އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ވާހަކައަކީ އޭނާ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ދެކެވޭ ވާހަކަތަކެވެ.
އެގޮތުން ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން" ޓޯކް ޝޯގެ އެޕިސޯޑެއްގައި އަނުޝްކާ ފެނިގެންދިޔައިރު އޭނާގެ ތުންފަތަށް އައިސްފައިހުރި ބަދަލު ގިނަ ބަޔަކު ފާހަގަކުރި އެވެ. އެއާއެކު އޭނާ ވަނީ "ލިޕް ޖޮބް"އެއް ހަދާފައިވާ ކަމަށް އަޑުތައް އަރަން ފެށި އެވެ.
އޭރު އެ އަޑުތަކަށް ރައްދު ދެމުން އަނުޝްކާ ބުނެފައިވަނީ އޭނާ ލިޕް އެންހޭސްމަންޓް ޓޫލްއެއް ބޭނުންކުރާ ކަމަށާއި އެހެން ނަމަވެސް ތުންފަތް ބޮޑުކުރަން ސާޖަރީ ނުހަދާ ކަމަށެވެ.
އެހެން ނަމަވެސް އޭގެ ދެ އަހަރު ފަހުން 2016 ވަނަ އަހަރު ވޯގްއަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ވަނީ ލިޕް ޖޮބްއެއް ހެދި ކަމަށް ފާޅުގައި އެއްބަސްވެފަ އެވެ.
އަނުޝްކާ ބުނީ އޭނާއަކީ ވެސް އިންސާނެއް ކަމަށާއި އެންމެ ފުރިހަމަ މީހެއް ނޫން ކަމަށެވެ. އެހެން ކަމުން ކަމެއް ކުރިނަމަ އެކަމަށް އެއްބަސްވާން އޭނާއަށް ކެރޭނެ ކަމަށް އަނުޝްކާ ބުންޏެވެ.
2017 ވަނަ އަހަރު ކްރިކެޓަރު ވިރާޓް ކޯލީއާ ކައިވެނި ކުރުމަށްފަހު އަނުޝްކާއަށް ދެ ކުދިން ލިބިފައިވާއިރު ފިލްމީ މަސައްކަތްތަކުން މިހާރު އޭނާ ފެންނަނީ ވަރަށް މަދުންނެވެ.