މޭވާ އާއި ތަރުކާރީއަކީ ވިޓަމިނާއި މިނަރަލާއި ހަށިގަނޑުގެ ހެދިބޮޑުވުމާއި ދުޅަހެޔޮ ކަމަށް މުހިންމު އެތައް މާއްދާއެއް ހިމެނޭ ބާވަތް ތަކެކެެވެ.

މިތަކެތި ކެއުމުގައި ގިނަ ބައެއްގެ އާދައަކީ އޭގެ ތޮށްޓާއި އޮށާއި ތަނޑި އަދި ފަތްތައް އުކައިލުމެވެ. އެހެން ނަމަވެސް ސުވާލަކީ މިއީ އެންމެ ރަނގަޅު ގޮތްތޯ ކުރެވޭ ސުވާލެވެ.

ތަޖުރިބާކާރުން އެއްބަސްވާގޮތުގައި އަޅުގަނޑުމެން އުކައިލާ މިބައިތަކަކީ އޭގައި ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ ބައިތަކެކެވެ.

މާހިރުން ވިދާޅުވާގޮތުގައި މޭވާ އާއި ތަރުކާރީއަކީ އޭގެ ހުރިހާ ބައެއް އެކުވެގެން އޭގެ ފުރިހަމަ ފައިދާ ކުރުވާ އެއްޗެއްކެވެ. އެހެން ކަމުން، މޭވާ އާއި ތަރުކާރީ ކާއިރު، އޭގެ ތޮށްޓާއި ތަނޑި ވަކިކުރުމުން އެއިން ލިބެންވާ ހަގީގީ ފައިދާއެއް ނުލިބޭނެ އެވެ.

ކަން މިހެން އޮތް ނަމަވެސް ކިވީ ފަދަ ބައެއް މޭވާގެ ތޮށި ކެއުމަކީ ބައެއް ފަރާތްތަކަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެހެން ކަމަށް ވާނަމަ އެ ތޮށި މިކްސަރަކުން ގިރައިގެން އޭގެ ފަނި ބުއިމަކީ ވެސް އެންމެ ރަނގަޅު ގޮތެކެވެ.

އޭގެ އިތުރުން ބޭނުންކުރާ ސެލެރީ ކެއުމުގައި އާންމުކޮށް ބޭނުންކޮށް އުޅެވެނީ ސެލެރީގެ ތަނޑިނަމަވެސް، އޭގެ ކޮޅުގައިވާ ފަތަކީ ވެސް ސޫޕްތަކުގައި ބޭނުންކުރަން މީރު، އޭގައި ގިނަ ޢަދަދަކަށް މެގްނީޒިއަމް އާއި ކެލްސިއަމް އެކުލެވިގެންވާ އެއްޗެކެވެ.

ލޮނުމެދަކީ ވެސް މިފަދަ އެއްޗެކެވެ. ލޮނުމެދުގެ ތޮށީގައި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭ މާއްދާއެއް ކަމަށްވާ އެންޓިއޮކްސިޑެންޓްއެއް ހިމެނޭ އިރު، ލޮނުމެދު ކާން އެންމެ ރަނގަޅު ގޮތެއްކަމަށް ތަޖުރިބާކާރުން ބުނަނީ ތޮށްޓާއި އެކުގަ އެވެ.

ލޮނުމެދު އަޅައިގެން ކެއްކުމަށްފަހު، ކެއުމުގެ ކުރިން ތޮށިގަނޑު ވަކިކޮށްލުން މުހިންމު ކަމަށާއި މިގޮތަށް ހެދުމުން ތޮށިގަނޑުގައިވާ މާއްދާތައް ކާނާގެ ތެރެއަށް ފެތުރިގެންދާނެ ކަމަށް ވެސް ތަޖުރިބާ ކާރުން ބުނެ އެވެ.

އެހެން ކަމުން ކެއްކުމުގައި މިފަދަ ކުދިކުދި ކަންކަމަށް ސަމާލު ވުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެކެވެ.