ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންއަށް ކައިވެނީގެ ބޭރުން ލިބިފައިވާ ސިއްރު ދަރިއަކު ހުންނަ ކަމަށް އޭނާގެ ކޮއްކޮ ފައިސަލް ޚާން ތުހުމަތު ކޮށްފި އެވެ.
ދާދި ފަހުން ފައިސަލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާއާއި އާމިރުގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ފައިސަލް ވަނީ އާމިރުގެ ހަޔާތާ ގުޅުންހުރި ބައެއް ކަންތައްތައް ވެސް ހިއްސާ ކޮށްފަ އެވެ.
އެގޮތުން އާމިރު އޭނާގެ ފުރަތަމަ އަނބިމީހާ ރީނާ ދައްތާއާ ކައިވެނި ކޮށްގެން އުޅުނުއިރު ޖޭސްމިން ހައިންސް ނަމަކަށް ނޫސްވެރިޔަކާ ލޯބީގެ ގޮތުން ގުޅި އެ ގުޅުމަށް ދަރިއަކު ވެސް ލިބުނު ކަމަށް ފައިސަލް ބުނެފައިވެ އެވެ.
ފައިސަލް އިތުރަށް ބުނީ އެ އާއިލާގެ އެއްވެސް މީހަކަށް ކާމިޔާބު ކައިވެންޏެއްގެ ނަސީބު ލިބިފައިނުވާ ކަމަށާއި އެހެންވެ އާމިރު ކައިވެނި ކުރަން ނިންމުމުން އެކަމާ ސުވާލު އުފެދުނު ކަމަށެވެ.
ފައިސަލް މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އެ ދެބެއިންގެ ގުޅުން ހީނަރުވެ އާމިރުއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާ ކަމަށް ބުނުމަށްފަހު އެވެ.
އާމިރު މިހާތަނަށް ދެ ކައިވެންޏެއް ކުރިއިރު ފުރަތަމަ ކައިވެންޏަށް ދެ ދަރިން ލިބިފައިވެ އެވެ. އޭގެ ފަހުން ކިރަން ރާއޯއާއެކު ކުރި ކައިވެންޏެއް އެއް ކުއްޖަކު ލިބުނެވެ.