އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރަސްލޭގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް ދިޔައިރު، އެތަނުގެ މަސައްކަތް ހުއްޓިފައިވާކަން ކަށަވަރުވެއްޖެ އެވެ.
ރަސްމާލޭގައި ތިބެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިޔުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ވިދާޅުވީ ރަސްމާލޭގެ މަސައްކަތް އެއްކޮށް ހުއްޓިފައިވާކަން އެ ދަތުރުން ހާމަވި ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެންބަރުން ކުރި އެ ދަތުރާ ގުޅިގެން ސަރުކާރުން ރަސްމާލެ ހިއްކުމުގެ ދުވެލި އަވަސްކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރަސްމާލެ ތަރައްގީ ކުރުމަށް ފުށިދިއްގަރު ފަޅުން ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކަން ޖެހޭއިރު، މިހާތަނަށް ހިއްކިފައި ވަނީ 129 ހެކްޓަރުގެ ބިމެވެ. އެއީ 11 ޕަސެންޓެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނީގެ މީހުންނާ ރަސްމާލެއިން ބައްދަލުވެ ދެކެވުނު ވާހަކަތަކުން އެނގުނުގޮތުގައި ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލުމަށްފަހު އެއް ޑްރެޖަރު ފުރައިގެން ގޮސްފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ ރަސްމާލެ ހިއްކަން ފައިސާ ހޯދާ ގޮތެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުން ސާފުކޮށްދީފައިނުވާ ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައި ރަސްމާލެ ހިއްކަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދުނުކޮށް ކަމަށެވެ. ނަމަވެސް އެގޮތަށް މަސައްކަތް ކުރެވޭގޮތެއް ނުވި އެވެ.
ރަސްމާލެ އިން 11،000 ގޯއްޗާއި 26،000 އަށް ވުރެ ގިނަ ފްލެޓު ދޫކުރާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.